ށ. ފޯކައިދޫ ނެރުމަގުގައި މަސްބާނަން އިން މީހަކަށް މިޔަރު ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

މި ހާދިސާގައި ފޯކައިދޫ ސީޒާ މަންޒިލް/ ހަސަން އަބަދުﷲ ގެ ފައިގެ ކުޑަކަޅުވާ މަސްގަނޑުގައި މިޔަރު ހިފުމުގެ ސަބަބުން ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އޭނާއަށް ފޯކައިދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. އޭނާގެ ހާލު ރަނގަޅެވެ.

Ad
rt

މި ހާދިސާ ހިނގިގޮތާއި ގުޅޭގޮތުން މި ނޫހާއި ވާހަކަ ދައްކަމުން ހަސަން އަބްދުﷲ ބުނީ، އެ ރަށު ބަނދަރުގައި އޮންނަ މުށިމަސްގަނޑު އިރުއޮއްސުމުން ކަނޑަށް ނުކުންނަ ވަގުތު، ހަމުން ހަދާފައި ހުންނަ ކަނދުފަތީގައި ނުކުމެ ހަނދިބާނަން އެތަނުގައި ތިބުމަކީ އެ ރަށުގައި އާންމުކޮށް ކޮށް އުޅޭ މަސްވެރިކަމެއް ކަމަށާއި، އެގޮތުން މިއަދު ވެސް ހަނދިބާނަން ކަނޑިންމަ މައްޗަށް ނުކުމެ ދިހަވަރަކަށް މީހުން ތިބިކަމަށެވެ.

ހަސަން އިތުރަށް ބުނީ މިގޮތުން ނަނުގައި ގަތް ހަނދި ކާލަން އެރި މިޔަރު އެ ހަނދި ކާލައި އެއަށްފަހު އޭނާގެ ފައިގެ ކުޑަކަޅުވާ މަސްގަނޑާއި ވީ ހިސާބުގައި ހިފިކަމަށެވެ. އޭރުވެސް ނެރުމަތީ ދިހަވަރަކަށް މީހުން ހަނދި ބޭނުމަށް ތިބި ކަމަށާއި އޭނާ ފައިގައި މިޔަރު ހިފިކަން އެންގުމުން އެ އެންމެން ވެސް އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ.

ހަސަން އިތުރަށް ބުނީ މިފަދަ ހާދިސާއެއް މީގެ ކުރިން އެތަނުގައި ހިނގާފައި ނުވިނަމަވެސް ނަނުގައި ގަންނަ މަހުގައި މިޔަރު ހިފާކަމަށާއި ބައެއް ފަހަރު މަހުގެ ބޯ އެކަނި ވެސް ލިބޭ ކަމަށެވެ. އަދި ބައެއް ފަހަރު މިޔަރު ހިފައި މަސް އެކީގައި ވެސް ކާލައިގެންދާ ކަމަށެވެ.

ހަސަން އިތުރަށް ބުނީ ކޮންމެ ކަހަލަ މަސްވެރިކަމެއްގައި ވެސް މިހާރު މިޔަރުގެ އުނދަގޫ ކުރިމަތިވަމުން އަންނަ ކަމަށާއި، މިޔަރު ހިމާޔަތް ކޮށްފައި އޮތުމުން ފަރުތަކާއި ކަނޑުތަކުގައި މިޔަރު އިންތިހާއަށް ގިނަވެ އޭގެ ނުރައްކާ މިހާރު ބޮޑުވެފައިވާ ކަމަށެވެ. މިއީ ސަރުކާރުން ދެވަނަ ވިސްނުމަކަށް ދާން ވެއްޖެ ކަމެއްގެ ގޮތުގައި ހަސަން ވަނީ ފާހަގަ ކޮށްފައެވެ.

މިޔަރު ހިފުމުގެ ސަބަބުން އެ ރަށުގެ މަސްވެރިއަކަށް ގެއްލުން ލިބިފައިވާކަނަ ފޯކައިދޫ ކައުންސިލުން ވެސް މި ނޫހަށް ވަނީ ކަށަވަރުކޮށްދީފައެވެ.