ހއ. ކެލާއިން ބަންޑާރަ ގޯއްޗަށް އެދުނު ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމުކޮށްފިއެވެ.

އެރަށު ކައުންސިލު އިދާރާ އިން ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ގޮތުގައި ދާއިމީ ލިސްޓު އާންމުކޮށްފައި މިވަނީ އެރަށުން ދިރިއުޅުމަށްޓަކައި 33 ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވައިލުމުން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށައަޅާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް ބެލުމަށްފަހުއެވެ.

Ad
rt

އެރަށުން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވައިލުމުން 262 ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށް ކެލާ ކައުންސިލުން ކުރިންވަނީ ބުނެފައެވެ.

ކެލާ އިން ބަންޑާރަ ގޯތި ދޫކުރަން ނިންމައި، ޝަރުތު ހަމަވާ ފަރާތްތަކަށް ފޯމް ހުށައެޅުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލާފައިވަނީ 2021 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 25 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެ އިއުލާނު ބާތިލްކޮށް ޑިސެމްބަރ މަހުގެ 8 ވަނަ ދުވަހު ވަނީ އެފުރުސަތު އަލުން ހުޅުވާލާފައެވެ.

މީގެ އިތުރުން ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކުގެ ތަރުތީބުން ކަމަށް ކަނޑައަޅާފައިވާއިރު، ދެފަރާތެއް ނުވަތަ އެއްއަވުރެ ގިނަ ފަރާތްތަކުގެ މާކްސް އެއްވަރުވެއްޖެނަމަ ދެން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ އެފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.

ކެލާ އިން ގޯތި ދޫކުރުމުގައި ބަލާނީ އެއްފަރާތަކަށް ދެގޯތި ނުލިބޭނެ އުޞޫލުން ގޯތި ދޫކުރުމަށް ކަމަށާއި، ގޯތި ދޫކުރުމުގައި ޢަމަލުކުރާނީ ކެލާ ކައުންސިލް އިދާރާއިން އާންމުކޮށްފައިވާ "ހއ. ކެލާއިން މީގެކުރިން ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން ގޯތި ލިބުނު ފަރާތްތަކުން ދޫކޮށްލައިފައިވާ ގޯތިތައް ދިރިއުޅުމަށްޓަކައި އަލުން ދޫކުރުމާއިބެހޭ އުޞޫލު"އާއި އެއްގޮތަށް ކަމަށް ކެލާ ކައުންސިލުން ވަނީ ބުނެފައެވެ.

ގޯތި ލިބޭނީ މަދުވެގެން 50 ޕޮއިންޓް ލިބޭ ފަރާތްތަކަށް ކަމަށް ވެސް ކެލާ ކައުންސިލުން ވަނީ ކަނޑައަޅާފައެވެ.