ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އއ. އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.
ރައީސް އިއްޔެ ހަވީރު އެރަށަށް ވަޑައިގެންނެވީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.
މިގޮތުން 2023 ވަނަ އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާޞަބަތުގައި އެރަށުގައި ކުރިއަށް ދިޔަ ހަރަކާތައް ރައީސް ބައްލަވާލައްވާފައިވާއިރު، އޭގެތެރޭގައި ހިމެނޭ ''ބީޓް ޕްލާސްޓިކް ޕޮލިއުޝަން" ފެސްޓިވަލަށް ވެސް އެމަނިކުފާނު ޒިޔާރަތްކުރެއްވެވިއެވެ. މި ފެސްޓިވަލުގައި ކުނި ރިސައިކަލް ކުރުމާއި، ކުނި ނައްތާލުމާއި، ކުނި ވަކިކުރުމާ ބެހޭ ގޮތުން މަޢުލޫމާތު ދިނުމުގެ އިތުރުން ރީސައިކަލްކޮށްފައިވާ ޕްލާސްޓިކުން ހަދާފައިވާ ޑިސްޕްލޭތައް ދައްކާލާފައިވެއެވެ.
މި ދުވަހާގުޅޭގޮތުން ރޭ އުކުޅަހުގައި އޮތް ޖަލްސާގައި ވެސް އެމަނިކުފާނު ވަނީ ބައިވެރިވެ ވަޑައިގެންފައިވާއިރު، މިޖަލްސާގައި ދެއްކެވިވާހަކަފުޅުގައި ރައީސް ވިދާޅުވެފައި ވަނީ މި ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖޭގައި ހަކަތަ އުފެއްދުމަށް ތެލަށް ބަރޯސާވުން ނިމުމަކަށް ގެނަސް، ތިމާވެށްޓާއި ރައްޓެހި ގޮތްގޮތަށް ހަކަތަ އުފައްދައި ، ބޭނުންކުރާ ޤައުމަކަށް ބަދަލުކުރުން ކަމުގައެވެ. އަދި ސަރުކާރުގެ އަމާޒަކީ، ރާއްޖެއަކީ ސިންގަލް ޔޫސްޑް ޕްލާސްޓިކް އެއްގޮތަކަށްވެސް ބޭނުންނުކުރާ ޤައުމަކަށް ހެދުން ކަން ފާހަގަކުރައްވައި، އެކަށީގެންވާ ގޮތެއްގައި ކުނި މެނޭޖް ނުކުރެވުމަކީ، ރާއްޖޭގެ ތިމާވެށްޓަށް ދިމާވެފައިވާ އެންމެބޮޑު އެއް ގޮންޖެހުންކަމަށާއި، ކުނި މެނޭޖް ކުރުމުގެ މައްސަލައަށް އަވަސް ޙައްލުތަކެއް ހޯދައިދިނުމަކީ، ސަރުކާރުގެ އެންމެބޮޑު އެއް އަމާޒު ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު މިއަދު އުކުޅަހުން ފުރާވަޑައިގަތުމުގެ ކުރިންވަނީ އުކުޅަހު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ކޮމިޓީއާ ބައްދަލު ވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ރަށު ކައުންސިލުން ވަނީ، މިހާރުވެސް އުކުޅަހުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާކަމާ އަދި މަޝްރޫޢުތައް ހިނގަމުންދަނީ ރައްޔިތުން ބޭނުންވާ ގޮތަށްކަމުގައި ފާހަގަކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ރައީސް ވަނީ އުކުޅަހުގައި ކައުސިލް އާ ޢިމާރާތެއް ކުރުން އިސްކަންދޭ ލިސްޓުގައި ހިމަނުއްވާފައިވާ ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!