ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތުގައި ނޮޅިވަރަމް ކުލަބް ހުވާސް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ކޮރަލްސް އިން ފެށުން ރަނގަޅު ކޮށްފިއެވެ.

ގްރޫޕް ބީގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ހުވާސް އާއި ކޮރަލްސް ބައްދަލުކުރި މެޗު، ކޮރަލްސް އިން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ.

Ad
rt

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ކޮރަލްސް އެވެ. މި ލަނޑަކީ މެޗުގެ 10 ވަނަ މިނެޓުގައި ހުވާސްގެ ހުސެއިން ވަސީމް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. މެޗުގެ 17 ވަނަ މިނެޓުގައި ހުވާސް އިން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަޙްމަދު އައިހަމްއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އައިހަމް ވަނީ އިތުރު ލަނޑެއްޖަހައި ހުވާސް އަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ހޯދައިދީފައެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ ހުވާސް ކުރީގައި އޮވެގެންނެވެ.

ކޮރަލްސް އިން މެޗުގެ ނަތީޖާ އަނބުރާލީ ފަހު ހާފުގައި ކާމިޔާބުކުރި ލަނޑުތަކުންނެވެ. ކޮރަލްސްގެ ދެވަނަ ލަނޑު 60 ވަނަ މިނެޓުގައި އަޙްމަދު ހަސަން ކާމިޔާބު ކޮށްދިންއިރު، އެ ޓީމް މެޗުން މޮޅުވި ލަނޑު 86 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ވެސް އަޙްމަދު ހަސަން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ވެސް އޭނާއެވެ.

މި މުބާރާތުގައި މިއަދު ވެސް މެޗެއް ކުޅޭނެއެވެ. ބައްދަލުކުރާނީ ހުރަފުސް ސްޕޯޓްސް ކުލަބާއި ނައިވާދޫ ޓްރެއިނާސް ސްޕޯޓްސް ކުލަބެވެ. މިއީ ގްރޫޕް ބީގެ ދެވަނަ މެޗެވެ.