ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހްމަދު ސަލީމު (ރެޑްވޭވް ސަލީމު) ގެ އަމަލަކީ އަންހެން ބޭފުޅުންނަށް އިހުތިރާމުކުޑަ ކުރުމުގެ ދަށު ދަރަޖައިގެ އަމަލެއް ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

އެ އޮފީހުން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 2 ވަނަ ދައުރުގެ 8 ވަނަ ޖަލްސާ އަށް ބަންޑާރަނައިބުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި އަންހެން ދެ ވަކީލުންގެ ގާބިލުކަމާއިމެދު ސުވާލު އުފައްދައި، އެބޭފުޅުންގެ ޖިންސަށް ނިސްބަތްކޮށް ފުރައްސާރައަށްވާގޮތަށް ސަލީމް ވާހަކަ ދެއްކެވުމުން ނެރުނު ނޫސްބަޔާނުގައެވެ.

Ad
rt

އެ ނޫސްބަޔާނުގައި ވިދާޅުވީ ބަންޑާރަނައިބުގެ އަރިހުގައި ވަޑައިގެންނެވި ޑެޕިއުޓީ އެޓާނީ ޖެނެރަލް އާއި އެ އޮފީހުގެ ކައުންސެލް ޖެނެރަލްއަކީ ދިވެހި ދައުލަތާއި ރައްޔިތުންގެ މަސްލަހަތު ރްއްކާތެރިކުރުމަށްޓަކައި ބުރަ މަސަައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅުން ކަމަށެވެ. އަދި އިލްމީ، ގާބިލު އަދި 16 އަހަރަށްވުރެ ގިނަދުވަހުގެ ތަޖުރިބާ ހުރި ވަކީލުން ކަމަށެވެ.

އެ އޮފީހުގައިި މަސައްކަތްކުރައްވާ އެއްވެސް ބޭފުޅެއްގެ ޖިންސަށް ނިސްބަތްކޮށް، ފުރައްސާރަކޮށް، ކުޑައިމިސް ބަސް ބުނުމަކީ އެއްވެސް ހާލެއްގައި ބަލައިގަންނާނެކަމެއް ނޫން ކަމަށް ވެސް އޭޖީ އޮފީހުގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ދައުލަތުގެ ތިންބާރުން ކުރެ އެއްބާރުގައި ރައްޔިތުން ތަމްސީލުކުރެއްވުމަށްޓަކައި ހިމެނިވަޑައިގަންނަވާ މެމްބަރަކުު ދައުލަތް ތަމްސީލުކުރާ ބަންޑާރަނައިބު އޮފީހުގެ އެންމެ ސީނިއާ މަގާމުތަކުގައި ތިއްބެވި ދެބޭފުޅުންގެ ޖިންސުގެ ސަބަބުން އެބޭފުޅުންގެ ގާބިލުކަމާއި ތަޖުރިބާއާ މެދު ސުވާލު އުފައްދައި ވާހަކަ ދެއްކެވުމަކީ އެ އޮފީހާއި ރާއްޖޭގައި މަސައްކަތްކުރާ އެންމެހައި އަންހެން ވަކީލުން ހިމެނޭގޮތުން އަންހެން ބޭފުޅުންނަށް އިހްތިރާމު ކުޑަކުރުމުގެ ދަށު ދަރަޖައިގެ އަމަލެއް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ވިދާޅުވީ މުޖުތަމައެއްގެ ގޮތުގައި ހުރިހައި ބޭފުޅުންގެ މަގުސަދަކަށް ވާންވާނީ އަދި މަސައްކަތް ކުރަންވާނީ މިންތީގެ ހަމަހަމަކަން ގާއިމުކޮށް، އަންހެނުންނާއި މެދު މުޖުތަމައުގައި ގެންގުޅޭ ނުރަނގަޅު ނުވަތަ ބޯދާ ތަސައްވުރު ނައްތާލައި، އަންހެނުން ބާރުވެރިކުރުވުމަށް ކަމަށެވެ.

ހުރިހައި ފަންތިއެއްގެ މަގާމުތައް އަދާކުރުމުގެ ފުރުސަތު ފަހިކުރުމާއި އަންހެނުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަމާއި ގަދަރާއި އިހްތިރާމު ލިބިދެވޭނެ ގާއިމު ކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ވެސް ނޫސްބަޔާނުގައި ވެއެވެ.