ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އައްޑޫ ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ނިންމަވާލައްވައިފިއެވެ.

ރައީސްގެ އައްޑޫ ދަތުރުފުޅުގައި، އެ ސިޓީގައި ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫޢުތަކެއް ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީއަށް ބިން އިތުރުކުރުމުގެ ބިޔަ މަޝްރޫޢު އާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢު ހިމެނެއެވެ.

Ad
rt

އައްޑޫ ސިޓީއަށް ބިން އިތުރުކުރުމުގެ ބިޔަ މަޝްރޫޢު ފައްޓަވައި ދެއްވުމަށްފަހު އެ މަޝްރޫޢުއާއި ގުޅޭގޮތުން ރައީސް ވިދާޅުވެފައި ވަނީ، އެއީ އައްޑޫ ސިޓީއަކީ ދުނިޔެއަށް ހުޅުވާލެވިފައިވާ ވަރުގަދަ ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތުގެ ފެށުން ކަމުގައެވެ.

ގަން އެއާޕޯޓު މަޝްރޫޢު އިފްތިތާޙްކޮށްދެއްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައި ވަނީ، ރާއްޖޭގެ އިގްތިޞޯދު 10 އަހަރުން ދެގުނަކުރުމަށްޓަކައި ސަރުކާރުން އިންގިލާބީ މަޝްރޫޢުތަކެއް ކުރިޔަށްގެންދަމުން އަންނަކަކަމަށާއި، އެގޮތުން ގަން އެއަރޕޯޓް ސަރުކާރުން ފަރުމާކޮށްފައި ވަނީ ކުރިމަގުގައި ވިޔަފާރިއާ ފަތުރުވެރިކަން ވެސް ފުޅާވާނެ މިންވަރު ވިސްނައިގެން ބޭނުންވާނެ ޚިދުމަތްތަކަށް ވެސް ވިސްނުން ބަހައްޓައިގެންކަމަށެވެ.

އައްޑޫ ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސް ވަނީ، އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ ސިޓީގެ އ.ތ.މ ކޮމިޓީއާ ވަކިވަކިން ބައްދަލު ކުރައްވައި އައްޑޫ ސިޓީގެ ތަރައްޤީއާގުޅޭ މުހިންމުކަންކަމާމެދު މަޝްވަރާކުރައްވާފައެވެ.

ޖޫން މަހުގެ 3 ވަނަ ދުވަހުން މިއަދުގެ ނިޔަލަށް ރައީސް އައްޑޫއަށް މިކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވިއެވެ.