ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ "ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ (އެޗްޒެޑްޖޭ) އާއި ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖް ބައްދަލުކުރި މެޗު ޒިގްޒެގުން ކާމިޔާބު ކޮށްފިއެވެ.
މިއަދު ހަވީރު މި މުބާރާތުގެ ކުޅުން ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ފަށާފައިވާއިރު، މިއަދުގެ މެޗު ޒިގްޒެގުން އެޗްޒެޑްޖޭގެ މައްޗަށް ކުރި ހޯދާފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.
ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވިނަމަވެސް، ލަނޑު ޖަހައި ލީޑު ނަގާނެ ރަނުގެ ފުރުޞަތެއް ވަނީ ޒިގްޒެގަށް ލިބިފައެވެ. މެޗުގެ 37 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ޒިގެޒެގްގެ ބިދޭސީ ކުޅުންތެރިއެއް ކަމަށްވާ ޖެރީ ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެ ބޭރަށެވެ.
ޒިގެޒެގުން މެޗުގެ ފުރަތަމަ ލަނޑު ޖަހާފައި ވަނީ 62 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އަބޫބަކުރު އާދަމް އެވެ. އެ ޓީމްގެ ދެވަނަ ލަނޑު 81 ވަނަ މިނެޓުގައި ޖެހީ ބިދޭސީ ކުޅުންތެރިއެއް ކަމަށްވާ ޕްރިންސް ލާބީއެވެ. މެޗުގެ މޮޅު ކުޅުންތެރިއާ އަށް ވެސް ހޮވުނީ ލާބީ އެވެ.
ކުޅުދުއްފުށި ޗެމްޕިއަންޝިޕް 2023 - މެޗް ސަމަރީ
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ x ޒިގްޒެގް#kulhudhuffushichampionship2023 pic.twitter.com/N86wGfmMpH— Kulhudhuffushi City Council (@kfcitycouncil) June 3, 2023
މި މުބާރާތުގެ މެޗެއް މާދަމާ ވެސް އޮންނާނެއެވެ. މާދަމާ ހަވީރު ބައްދަލުކުރާނީ ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބާއި މާއްޓޭ ސްޕޯޓްސް އެކަޑަމީ އެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 60،000 (ފަސްދޮޅަސްހާސް) ރުފިޔާ ދިނުމަށް ނިންމާފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ 15000 (ފަނަރަހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!