ރާއްޖޭގެ އުތުރާއި ދެކުނުގައި ސަރުކާރުން ''މި ވިއްދަނީ'' މުޅި ރާއްޖެ އެކުގައި އުފުލާލަދޭނެ އިޤްތިޞާދީ ދުންކަރާސްކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ހަވީރު އައްޑޫސިޓީގެ މަރަދޫއާ ހަންކެޑަ ގުޅޭ ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތުގައި އައްޑޫސިޓީ ބިން އިތުރުކުރުމުގެ ބިޔަ މަޝްރޫޢު ރަސްމީގޮތުން ފަށްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

މި ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ މި ފަސް އަހަރުތެރޭ މި ކުރެވުނު މަސައްކަތާއި، ކުރަންހުރި ކަންކަމުގެ މައްޗަށް ފެންނަ ނަތީޖާއެއްވާ ކަމަށް ވިދާޅުވެފައެވެ.

''އެއީ، ރާއްޖޭގެ ޙާލަތު، ވަރުހުރި އިޤްތިޞާދެއްގެ މައްޗަށް ބިނާކުރެވޭނެ ކަމުގެ އުންމީދު ބޮޑުކަން. 2028 ނިމޭއިރު، ރާއްޖޭގެ އިޤްތިޞާދު، ދެގުނަ ވެގެންދާ ދިޔުމަކީ، ކުރު މުއްދަތަކުން ގެނެވޭނެ އެންމެބޮޑު އެއް ބަދަލު.'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި، މީގެ ފަސް އަހަރު ކުރިން، 2018 ވަނަ އަހަރު ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަމަކީ 81 ބިލިއަން ރުފިޔާ އެވެ. އަދި މީގެ ފަސް އަހަރު ފަހުން، ރާއްޖޭގެ އިޤްތިޞާދު ދެގުނަކޮށް، 2028 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 177 ބިލިއަން ރުފިޔާއަށް ގެންދެވޭނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެކަމަށް ބޭނުންވާ ހުރިހާ މަސައްކަތެއް މިހާރު މިދަނީ ކުރަމުން ކަމަށާއި، ''ރާއްޖޭގެ އުތުރާއި ދެކުނުގައި ސަރުކާރުން މި ވިއްދަނީ މުޅި ރާއްޖެ އެކުގައި އުފުލާލަދޭނެ އިޤްތިޞާދީ ދުންކަރާސް'' ކަމަށެވެ.

''އޭގެ ބުޑު ބަހައްޓާނެ ބިން އައްޑޫ ސިޓީގައި މިދަނީ ސަރާސަރުވެ ފެތުރެމުން. ރާއްޖެ އެކުގައި ތަރައްޤީނުވެ، ދިވެހިން ބޭނުންވާ މަންޒިލެއް ނުހިފޭނެ. ހަމަހަމަ، އުފާވެރި، ތަނަވަސް ޖަޒީރާ ދިރިއުޅުމެއް ދިވެހިންނަކަށް ނުލިބޭނެ. ރާއްޖޭގެ ދެކުނުގެ ކުރިއެރުމާއި ތަރައްޤީގެ މުގޫލައިގަންނަންޖެހޭ އެންމެ ވަރުގަދަ އެއްތަނަކީ ހަމަ އައްޑޫ ސިޓީ.'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ވިދާޅުވީ، ހަމަ އެބީދައިން ރާއްޖޭގެ އުތުރަށް ބޭނުންވާ ހުރިހާ އިންތިޒާމެއް، މި އަމާޒުގައި ސަރުކާރުން ދަނީ ހިންގަވަމުން ކަމަށެވެ. އަދި މިއީ ފަސް އަހަރެއްގެ ފެށުމާއި، އަނެއް ފަސް އަހަރެއްގެ ނިމުމަކަށް ހިންގޭ ދިހަ އަހަރުން ދިވެހިރާއްޖޭގެ އިޤްތިޞާދު ދެގުނަކުރެވޭ އިޤްތިޞާދީ ބޮޑުބަދަލުގެ ދިހަ އަހަރު ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.