ސަރުކާރާއި އިދިކޮޅު ގިނަ ފަރާތްތަކެއް އެކުވެގެން "ބާނަ ބާނާ ތިއްބާ ތިޔަވިއްކާލީ ކަނޑު" ގެ ނަމުގައި ރޭ ބޭއްވި ޖަލްސާގައި "އިންޑިއާ އައުޓް" ބެނާ ދެމީ ސަރުކާރުން ފޮނުވި ބައެއް ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ތުހުމަތު ކޮށްފިއެވެ.
އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ކަނޑު ވިއްކުމާއި ދެކޮޅު އިއްތިހާދުގެ ފަރާތުން ޖޫން 2 ވީ ހުކުރު ދުވަހުގެ ރޭ ކާނިވަލްގައި ކުރިއަށް ގެންދިޔަ ޖަލްސާގެ ތެރެއަށް އިންޑިއާ އައުޓް ޓީޝަޓް ލައިގެން ތިބި ބަޔަކު ވަދެ، އިންޑިއާ އައުޓް ބެނަރ އެއް ދަމަން ކުރި މަސައްކަތް އެ ކޯލިޝަންގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އެ ޖަލްސާގެ މިސްރާބު ބައްދަލުކޮށްލުމުގެ ފިނޑި އަދި ނާތަހުޒީބު ޢަމަލު ހިންގުމުގެ އަޑީގައި ތިބީ ސަރުކާރުގެ ވެރިން ކަމަށާއި އެކަން ކޮށްފައިވަނީ ސަރުކާރުން ފަންޑުކޮށްގެން ފޮނުވި ބައެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި ޖަލްސާގެ ކުރިން އެފަދަ ކަމެއް ސަރުކާރުގެ ފަރާތުން ރާވަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށާއި އެހެންކަމުން އެފަދަ ކަމެއް ހިނގައިފިނަމަ، ސުލްޙަވެރިކަމާއެކު އެކަން ކުރާ ބަޔަކު ޖަލްސާ އިން ނެރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ޖަލްސާ އިންތިޒާމުކުރި ފަރާތުން ތިބީ ތައްޔާރަށް ކަމަށް ވެސް ވަނީ ބުނެފައެވެ.
މީގެ އިތުރުން، އިތުރު ހަމަނުޖެހުމަކަށް ފުރުސަތު ނުދީ އެބަޔަކު ޖަލްސާއިން ވާނީ ނެރެފައި ކަމަށާއި މިފަދަ ފިނޑި ނާތަހުޒީބު ޢަމަލުތަކުގެ ސަބަބުން ކަނޑު ވިއްކާލުމާއި ދެކޮޅަށް އުފެދިފައިވާ އިއްތިހާދު ރޫޅާލެވޭނެ ކަމަށް ސަރުކާރުން ހީކުރުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމުގައި ވެސް ޕްރޮގްރެސިވް ކޯލިޝަންގެ ބަޔާނުގައި ވެއެވެ.
ހަމަމިއާއެކު މިއިއްތިހާދުން ފަށާފައިވާ މަސައްކަތް ކާމިޔާބުކޮށް ރާއްޖޭގެ ކަނޑުން ގެއްލިގެން ދިޔަ ބައި ހޯދުމުގައި ކުރާން ޖެހެނު ހުރިހާ މަސައްކަތްތެއް ކުރުމުގައި އެ ކޯލިޝަންގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ގެ އިރުޝާދާއެކު ޕީޕީއެމް، ޕީއެންސީ އޮންނާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!