އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ފައްޓަވައިދެއްވައިފިއެވެ.

މި މަޝްރޫއު އެމަނިކުފާނު ފައްޓަވައިދެއްވާފައިވަނީ މިކަމަށްޓަކައި އައްޑޫ ސިޓީގެ މަރަދޫގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

Ad
rt

މިއީ ނެދަލެންޑްސްގެ ކުންފުންޏެއް ކަމަށްވާ ވެން އޫޑް އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ފައިބެއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ 18 މަސް ދުވަހުގެ ތެރޭގައި ނިންމާގޮގަށެވެ. އަދި މި މަޝްރޫއުގައި އައްޑޫގައި 194.3 ހެކްޓަރުގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫޢުގެ ދަށުން ހިތަދޫއަށް 90 ހެކްޓަރުގެ ބިން ހިއްކައި 4700 މީޓަރުގެ ބޮޑުހިލަ ޖެހުމާއި މަރަދޫ/ މަރަދޫފޭދޫ އަށް 76 ހެކްޓަރުގެ ބިން ހިއްކައި 3400 މީޓަރުގެ ބޮޑުހިލަ ޖެހުމަށް ހަމަޖެހިފައިވާއިރު، ފަތުރުވެރިކަމަށް އައްޑޫ ފަޅުތެރެއިން 8.3 ހެކްޓަރުގެ ތިން ރަށް ހިއްކައި 4100 މީޓަރުގެ ޖިއޯޓިއުބް ރިވެޓްމަންޓް ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ހަތަރު ލޭން ޑިޓުއާ ލިންކް ރޯޑުގެ އެމްބާކްމަންޓަށް 3.3 ހެކްޓަރުގެ ބިން ހިއްކައި 1575 މީޓަރުގެ ބޮޑުހިލަ ޖެހުމަށް ވެސް ނިންމާފައި ވެއެވެ.

މިއީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 1.3 ބިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.