އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައިގެ ފުރިހަމަ ތަހްގީގެއް ހިންގަންޖެހޭކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

މި މައްސަލައާއި ސަރުކާރުން ގެންގުޅުނު ސްޓޭންޑާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން ވަނީ އިއްތިހާދެއް އުފައްދާފައެވެ. އަދި މި އިއްތިހާދުން އަންނަނީ މިރޭ ވެެރިރަށް މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ތައްޔާރު ވަމުންނެވެ.

Ad
rt

މި މައްސަލައަށް އިޝާރާތް ކުރައްވައި ހަސަން ވިދާޅުވީ، ރައީސް އިބްރާޙީމް މުހައްމަދު ޞާލިޙް އެހުންނެވީ ސިއްރުސިއްރުން ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލައްވައިގެން ކަމަށެވެ.

''އެކަން ކޮށްފައިވާ ގޮތުގެ ފުރިހަމަ ތަޙްޤީޤެއް ހިންގާނޖެހޭ އަދި ދިވެހީންނަށް އަނބުރާ އެ ކަނޑު ހޯދައިދޭންޖެހޭ. ކަނޑު ވިއްކުމާ ދެކޮޅު ހަރަކާތުައި މިރޭ އަޅުގަނޑު ބައިވެރިވާނަން.'' ހަސަން ވިދާޅުވިއެވެ.

ހަސަން އަކީ، އަލަށް އުފެއްދުމަށް އިއްޔެ އިލެކްޝަން ކޮމިޝަން (އީސީ) އަށް މެންބަރުޝިޕް ފޯމުތައް ވައްދާފައިވާ "ދަ ޑިމޮކްރެޓްސް"ގެ ފައުންޑާ އެވެ.

"ދަ ޑިމޮކްރެޓްސް" އުފެއްދުމަށް ބޭނުންވާ މެންބަރޝިޕް ފޯމްތައް އިއްޔެ އީސީ އަށް ހުށަހެޅުއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވެފައިވަނީ ޗާގޯސް މައްސަލާގައި ބާއްވާ ހަރަކާތުގައި "ދަ ޑިމޮކްރެޓްސް"ގެ ފަރާތުން ބައިވެރިވާނެ ކަމަށެވެ.

ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން މޮރިޝަސްއިން ރާއްޖެއާ ދެކޮޅަށް ހުށަހެޅި މައްސަލާގައި ބައިނަލްއަގްވާމީ ޓްރައިބިއުނަލް، އިޓްލޮސްއިން ނިންމީ ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް ނަމަވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނުގެ ދަށުން ކުރިން ބޭނުން ކުރަމުން އައި 200 މޭލުގެ ސަރައްދުން 45،000 އަކަ ކިލޯ މީޓަރަށް ވުރެ ބޮޑު ބައެއް ގެއްލުނެވެ.

މޮރިޝަސްއިން 200 ނޯޓިކަލް މޭލަށްވުރެ ބޮޑު ކޮންޓިނެންޓަލް ޝެލްފަކަށް ދަޢުވާކުރި ކަމަށް ބުނާ މި މައްސަލައިގައި އިޓްލޮސް ނިންމާފައިވަނީ ބްލެންހައިމް ރީފް ބޭސް ޕޮއިންޓެއްގެ ގޮތުގައި ބޭނުންނުކުރެވިދާނެ ކަމަށް ދިވެހިރާއްޖެއިން ބުނާބުނުމަށް ތާއީދުކޮށްފައެވެ.

މި ނިންމުމާ ގުޅިގެން 47232 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއްގެ ބޮޑު ބައެއް ރާއްޖެއަށް ލިބިގެންދާނެކަމަށް ދިވެހިރާއްޖެއިން ބުނުމުން، ޓްރައިބިއުނަލުން ވަނީ އެކަމަށް އެއްބަސްވެ، އެގޮތަށް ނިންމާފައެވެ.

މި މައްސަލާގައި ސަރުކާރުންނެގި ސްޓޭންޑާއި ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން އުފައްދާފައިވާ އިއްތިހާދުން އަންނަނީ މަސައްކަތްކުރަމުންނެވެ.