ޗާގޯސް ނަމުގައި އިދިކޮޅުން އުޅެނީ ފިތުނަ އުފައްދައި ބަޣާވާތެއް ކުރަން: ސައުދު

ސައުދު ރައީސް ޞާލިޙާއެކު، ފޮޓޯ: ސައުދުގެ ފޭސްބުކް
ސައުދު ރައީސް ޞާލިޙާއެކު، ފޮޓޯ: ސައުދުގެ ފޭސްބުކް

ޗާގޯސް ނަމުގައި އިދިކޮޅުން އުޅެނީ ފިތުނައިގެ ހުޅު ރޯކޮށް ބަޣާވާތެއް ކުރަން ކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައާއި ސަރުކާރުން ގެންގުޅުނު ސްޓޭންޑާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން ވަނީ އިއްތިހާދެއް އުފައްދާފައެވެ. އަދި މި އިއްތިހާދުން އަންނަނީ މިރޭ ވެެރިރަށް މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ތައްޔާރު ވަމުންނެވެ.

މި އެއްވުމަށް އިޝާރާތް ކުރައްވައި ސައުދު ވިދާޅުވީ، ޗާގޯސް ނަމުގައި އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތަކަކީ ދިވެހި ޤައުމަށް، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ގެނެސްދެއްވާފައިވާ ހަމަޖެހުމާއި ކުރިއެރުމާއި، އެއްބައިވަންތަކަމަށް ހިތް ނުތަނަވަސްވެ، ގައުމުގެ ހަމަޖެހުން ނަގާލައި، ސިޔާސީ ފިތުނައިގެ ހުޅުކޮޅު ރޯކޮށް، ބަޣާވާތް ކުރުމަށް ރާވާ ހީލަތްތެރި ރޭވުމެއްކަމަށެވެ.

ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން މޮރިޝަސްއިން ރާއްޖެއާ ދެކޮޅަށް ހުށަހެޅި މައްސަލާގައި ބައިނަލްއަގްވާމީ ޓްރައިބިއުނަލް، އިޓްލޮސްއިން ނިންމީ ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް ނަމަވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނުގެ ދަށުން ކުރިން ބޭނުން ކުރަމުން އައި 200 މޭލުގެ ސަރައްދުން 45،000 އަކަ ކިލޯ މީޓަރަށް ވުރެ ބޮޑު ބައެއް ގެއްލުނެވެ.

މޮރިޝަސްއިން 200 ނޯޓިކަލް މޭލަށްވުރެ ބޮޑު ކޮންޓިނެންޓަލް ޝެލްފަކަށް ދަޢުވާކުރި ކަމަށް ބުނާ މި މައްސަލައިގައި އިޓްލޮސް ނިންމާފައިވަނީ ބްލެންހައިމް ރީފް ބޭސް ޕޮއިންޓެއްގެ ގޮތުގައި ބޭނުންނުކުރެވިދާނެ ކަމަށް ދިވެހިރާއްޖެއިން ބުނާބުނުމަށް ތާއީދުކޮށްފައެވެ.

މި ނިންމުމާ ގުޅިގެން 47232 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއްގެ ބޮޑު ބައެއް ރާއްޖެއަށް ލިބިގެންދާނެކަމަށް ދިވެހިރާއްޖެއިން ބުނުމުން، ޓްރައިބިއުނަލުން ވަނީ އެކަމަށް އެއްބަސްވެ، އެގޮތަށް ނިންމާފައެވެ.

މި މައްސަލާގައި ސަރުކާރުންނެގި ސްޓޭންޑާއި ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން އުފައްދާފައިވާ އިއްތިހާދުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި