ރ. އަތޮޅަށް ދަތުރު ކުރަމުން ދިޔަ "އާލާ" ބޯޓަށް ދިޔަވަމުން ދާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މާލެއިން ފުރައިގެން 15 މީހުނާއެކު ރ. އަތޮޅަށް ދަތުރުކުރަމުންދިޔަ މި ބޯޓަކަށް ދިޔަވަމުން ދާތީ އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

Ad
rt

މޫސުން ގޯސްވުމާއެކު ކަނޑުތައް ގަދަވެ، މި ބޯޓަށް ދިޔަވަމުންދާ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު ފަތިހު 05:22 ހާއިރުއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބުނުއިރު މި ބޯޓު އޮތީ ބ. އޭދަފުށީގެ ދެކުނުން 2.5 ނޯޓިކަލް މޭލު ބޭރުގައެވެ.

މި ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބ. އޭދަފުށީގައި އޮންނަ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑްގެ ސީ އެމްބިއުލާންސް އެ ސަރަހައްދަށް ގޮސްފައިވާއިރު، މީގެ އިތުރުން، ޅ. މާފިލާފުށިން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ވެސް އަންނަނީ އެ ސަރަހައްދަށް ދިއުމަށް ދަތުރުކުރަމުން ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

''އާލާ ބޯޓުން ދަތުރުކުރަމުންދިޔަ 15 މީހުން މިހާރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑްގެ ސީ އެމްބިއުލާންސްއަށް ވަނީ ނަގާފައި'' އެމްއެންޑީއެފުން ވިދާޅުވެފަވެއެވެ.

އެމްއެންޑީއެފުން ވިދާޅުވިގޮތުގައި ބޯޓުގެ ބޮޑު ބައި ވަނީ އެއްކޮށް އަޑިއަށްގޮސްފައެވެ.