މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކުރިއަށްގެންދާ ސްޓޫޑަންޓް ޖާނަލިޒަމް ޕްރޮގްރާމްގެ ސްޕޮންސަރަކަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (މޯލްޑިވިއަން) ހަމަޖައްސައިފިއެވެ.
މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދާރުލް އީމާން ބިލްޑިންގ ގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމުގައި އެމްއެމްސީގެ ފަރާތުން ސޮއި ކުރެއްވީ މި ދައރުގެ ރައީސް އަހްމަދު މުސްތަފާއެވެ. މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު، ކޮމާޝަލް އިބްރާހިމް ހަމްދާން މުޙައްމަދުއެވެ.
މި ރަސްމިއްޔާތުގައި އެމްއެމްސީގެ ރައީސް މުޞްޠަފާ ވިދާޅުވީ މޯލްޑިވިއަން އަކީ މީހުން ބިނާކުރުމަށް އެމްއެމްސީން ކުރިއަށްގެންދާ ޕްރޮގްރާމެއްގެ ސްޕޮންސަރަކަށް ހަމަޖެއްސި ތިންވަނަ ކުންފުނި ކަމަށާއި އެކަމަށްޓަކައި އެ ކުންފުނީގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މިފަދަ ކަންކަމުގައި އެ ކުންފުނިން އަބަދު ވެސް ދެމުންދާ އެއްބާރުލުން ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން މީޑިއާގެ ކުރިއެރުމަށް މޯލްޑިވިއަން އިން ވެދެމުން އަންނަ އެހީތެރިކަން ވެސް ފާހަގަކުރެއްވިއެވެ.
އެމްއެމްސީން ކުރިއަށްގެންދާ ސްޓޫޑަންޓް ޖާނަލިޒަމް ޕްރޮގްރާމަކީ އަލަށް އިންތިހާބުވި ކައުންސިލުން ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރެއިން ސްކޫލް ދަރިވަރުން ނޫސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކަން އުފައްދާ، އެ ދާއިރާއަށް ދަރިވަރުން ނެރުމަށް ހިންގާ ޕްރޮގްރާމެކެވެ.
މި އަހަރުގެ ޖެނުއަރީ މަހު ފެށި އެ ޕްރޮގްރާމް މިހާތަނަށް ހަ ސްކޫލެއްގައި ހިންގައި، 140 އަށްވުރެ ގިނަ ދަރިވަރުން ވަނީ ތަމްރީނުކޮށްފައެވެ. އަދި އަންނަ ޖޫން މަހުގެ ތެރޭގައި ހއ. އަދި ހދ. އަތޮޅުގެ ސްކޫލްތަކަށް މި ޕްރޮގްރާމް ހިންގުމަށް ދަނީ ތައްޔާރުވަމުންނެވެ.
މި ޕްރޮގްރާމްގައި ޓްރެއިނަރުންގެ ގޮތުގައި ހަރަކާތްތެރިވަނީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން އުޅެ، ތަޖުރިބާ ލިބިފައިވާ އަދި އެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްގެން ތިއްބެވި ސީނިއާ ބޭފުޅުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!