މޯލްޑިވްސް ވޯޓަރ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޗެއާމަންގެ މަގާމުންނާއި އެކުންފުނީގެ ބޯޑު މެންބަރުކަމުން އަހުމަދު މައުސޫމް އިސްތިއުފާ ދެއްވި ސަބަބު ހާމަކުރައްވައިފިއެވެ.
އޭނާ، މިކަން ހާމަކުރެއްވީ އިސްތިއުފާދެއްވި ސަބަބަކީ ކޮބައިތޯ ސުވާލުކުރެއްވުމުން އެކަމަށް ޖަވާބުދެއްވަމުންނެވެ. މައުސޫމް ވިދާޅުވީ އިސްތިއުފާދިން ފުރަތަމަ ސަބަބަކީ އެމްޑީޕީ އުފެއްދި އަސްލު އުސޫލުތައް ގަބޫލް ކުރާ އެއުސޫލްތައް ގާއިމް ކޮށް ދަމަހައްޓަން ތިބި އިތުބާރު ކުރެވޭ ފަރާތްތަކެއް އިސްނަގައިގެން އެވެލިއު ތައް އެކުލެވިގެން އުފައްދާ ޕާޓީއެއް އުފެދުން ކަމަށެވެ.
އޭނާ ވިދާޅުވީ އެމްޑީޕީ އުފެދިގެން އައީ ރާއްޖޭގައި އިންސާނީ އަސާސީ ހައްގުތައް ގާއިމްކޮށް އެޙައްގުތައް ދެމެހެއްޓުމާއި, ކޮރަޕްޝަން ނައްތާލަން މަސައްކަތް ކުރުމާއި ރައްޔިތުންގެ މުދަލާއި ފައިސާ ރައްކާތެރި އެކުގައި ބެލެހެއްޓުމަށް ކަމަށެވެ. އަދި ރައްޔިތުންނަކީ އަބުރުވެރި ތަނަވަސް ބައެއް ކަމުގައި ހެދުމަށް ކަމަށެވެ.
މީގެ އިތުރުން ސަރުކާރުން ބިރު ދެއްކުމާއި އެންމެހައި އަޅުވެތިކަމުން މިންޖުކޮށްފައިވާ މިނިވަންކަމާއި އުފާވެރިކަމުގައި ދިރިއުޅޭ ރައްޔިތެއް ކަމުގައި ހެދުމަށް ކަމަށެވެ.
އެހެންނަމަވެސް މިހާރު ފެންނަމުން ދަނީ އެމަންޒަރެއް ނޫން ކަމަށާއި އާއިލާތަކަށް މިނިވަންކަމާއި އެކުގައި އިޚްތިޔާރު ކުރުމުގެ މިނިވަން ކަމުން މަހުރޫމް ވެފައި ތިބި އެތައް އާއިލާއެއް އެކި ރަށްރަށުގައި ތިބިތަން ފެންނަކަމަށް މައުސޫމް ވިދާޅުވިއެވެ.
މައުސޫމް ވިދާޅުވީ ބާރުގަދަ ދާއިރާ ރައީސެއް ނޫނީ މަޖްލިސް މެންބަރު އަންގާ ގޮތަކަށް ނޫނީ ގުޑިލަން ވެސް ނުކެރިފައި ތިބި ރަށްރަށުގެ ރައްޔިތުން އެބަތިބި ކަމަށެވެ.
"އަޅުގަޑު އިސްތިއުފާ މިދިނީ އެންމެ މަގާމަކުން ނޫން. އަޅުގަޑުމެންގެ އެތައް ދުވާލާއި ރެޔާއި ޖާނާއި މާލާއި ރާއްޖެއާއި ރާއްޖޭން ބޭރުގަ އާއި ރާއްޖޭގައި އެތައް ދަތި ހާލުގައި މަސައްކަތް ކޮށްގެން އަޅުގަޑުމެންނާ އަޅުގަޑުމެންގެ ދަރިންނާއި ދަރިންގެ ދަރިންނަށް އުޖާލާ މުސްތަގްބަލެއް ހޯދާ ދިނުމަށް ކުރެވުނު މަސައްކަތް ބިލާހަކަށް ވެގެން ދާތަން ފެނުމުން އެކަމުގެ ވޭނާ އަސަރުގައި އެތައް ދުވަހެއް ހުރެފައި ބޭނުން ނުވިޔަސް އެމްޑީޕީ ދޫކޮށްލަން ނިންމީ." މައުސޫމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީ މެންބަރުކަމާއި މަކުނުދޫ ދާއިރާގެ ރައީސް ކަމާއި އެމްޑަބްލިޔުއެސްސީ ގައި ހުރި މަގާމުން ވެސް އިސްތިއުފާ ދެއްވީ އެ ސަބަބުތަކަށްޓަކައި ކަމަށެވެ.
ދާއިރާ ރައީސެއްގެ ހައިސިއްޔަތުން އެމްޑީޕީގެ ހުރިހާ ކެމްޕޭނެއް ހަރަކާތްތެރިވެފައިވާނެކަން ފާހަގަކޮށް މައުސޫމް ވިދާޅުވީ 2018 ގެ ރިޔާސީ ކެމްޕޭންގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ އަރިހުގައި ދާއިރާގެ 3 ރަށަށް ދަތުރު ކުރެއްވި ކަމަށެވެ.
މަކުނުދޫއަށް ރައީސް ވެވަޑައިގެންނެވި ވައުދަކީ ސިއްޙީ މަރުކަޒުގެ ލެބޯޓަރީ ފެސިލިޓީތައް ރަނގަޅުކޮށް ދެއްވުމާއި ކުޑަކުދިންނާއި އަންހެނުންގެ ޚާއްސަ ޑޮކްޓަރެއް އެރަށު ސިއްޙީ މަރުކަޒުގައި ބަހައްޓާ ދިނުމާއި މަސްވެރި ރަށަކަށް ވާތީ އޮޑިދޯނި ފަހަރު މަރާމާތު ކޮށް ބެލެހެއްޓުމަށް ސްލިޕްވޭ އެއް އަޅައި ދެއްވުމާއި މަތިން އެރަށަށް ދަތުރު ކުރެވޭނެ ގޮތެއް ހަދައިދެއްވުން ކަމަށެވެ.
ނޭކުރެންދޫގައި ކުއްވެރިން ބައިތިއްބާނެ ތަނެއް ގާއިމް ކޮށް ދެއްވުމާއި ކުމުންދޫގެ ބަދަރު ސަލާމަތުން އޮޑިދޯނި ފަހަރަށް ވަދެ ނުކުމެ އުޅެވޭ ގޮތައް ހަދާދެއްވުމަށް ވެސް ރައީސް ވައުދުވެވަޑައިގެންނެވި ކަމަށް މައުސޫމް ވިދާޅުވިއެވެ.
އެހެންނަމަވެސް މި 3 ރަށުން އެއް ރަށެއްގައި މީން އެއްވެސް ކަމެއް ކޮށްދެއްވާފައި ނުވާކަން ހިތާމައާއެކު އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
މައުސޫމް އިތުރަށް ވިދާޅުވީ ތިލަދުންމަތީ ގެ އިގްތިސާދަށް ދިރުމެއް ދިނުމަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި އިންޑިއާ އަދި ލަންކާ އާއި ދެމެދު މެދުނުކެނޑި ދަތުރުތައް ކުރެވޭނެގޮތަށް ހައްދަވައިދެއްވައި، ގެސްޓްހައުސް ވިޔަފާރިއަށް މަގުފަހިވާނެގޮތް ހައްދަވައިދެއްވުމަށް ވެސް އެމްޑީޕީ ލީޑާޝިޕް ބައްދަލުވުމެއްގައި އެައްފަހަރަކު ދަންނަވާފައިވާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!