ފައިނޭންސް ޓެކްނޮލޮޖީގެ ދާއިރާއަކީ ހަމައެކަނި އިގްތިސާދު ކުރިއެރުވުމަށް އެހީތެރިވެދޭނެ ދާއިރާއެއް ނޫން ކަމަށް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ފައިނޭންސް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝައުނާ ވިދާޅުވީ އެއީ ފައިނޭންސް ޑިވެލޮޕްމަންޓާއި އައު އިޖާދުތައް ތައާރަފްކުރުމަށް އެހީތެރިވެދޭނެ ދާއިރާއެއް ކަމަށެވެ. އެހެންކަމުން ފައިނޭންސް ޓެކްނޮލޮޖީގެ ދާއިރާއަށް އިންވެސްޓްކުރާ މިންވަރު އިތުރުކޮށް، އެ ދާއިރާ ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

Ad
rt

ސަރުކާރުން އެމަގުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި ސަރުކާރުން މާލީ ކަންކަމާއި ގުޅޭގޮތުން ތަޢާރަފްކޮށްފައިވާ ބައެއް ޑިޖިޓަލް ވަސީލަތްތަކަކީ އެކަމުގެ ހެއްކެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން ސަރުކާރުން މިހާރު މަސައްކަތްކުރަނީ ޑިޖިޓަލް ދާއިރާއާ ގުޅުންހުރި ކަންކަމުގެ ތެރެއިން މީހުންގެ ޒާތީ މައުލޫމާތާއި އެހެނިހެން މައުލޫމާތުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ގުޅޭ ޤާނޫނެއް އެކުލަވާލުމަށްކަން ފާހަގަކުރައްވާ ޝައުނާ ވިދާޅުވީ އެ ގާނޫނުގެ ސަބަބުން ޑިޖިޓަލް ޓްރާންސެކްޝަންތަކަށް އޮންނަ ޔަގީންކަން ވެސް ބޮޑުވެގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހިންނަކީ ފައިނޭންސް ޓެކްނޮލޮޖީގެ ދާއިރާއަށް ވަރަށް ބޮޑަށް ހޭލުންތެރިވެފައިވާ ބައެއްކަން 2022 ވަނަ އަހަރު ހެދި ނެޝަނަލް ފައިނޭންޝަލް އިންކުލޫޝަން ސާވޭއިން ހާމަވެފައިވާ ކަމަށެވެ.