ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފަރޓިލިޓީ ސެންޓަރު މިއަދު ހެނދުނު ހުޅުވައި އެ ހޮސްޕިޓަލުގައި އައިވީއެފް ހިދުމަތް މިއަދު ފަށައިފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ، ފަރޓިލިޓީ ސެންޓަރު މިއަދު ހުޅުއްވައި ދެއްވީ އެކަމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙެވެ.

Ad
rt

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ރައީސް ޞާލިޙް ދެއްކެވިވާހަކަފުޅުގައި މި ޚިދުމަތަކީ ދަރިމައިވުމުގެ ފަރުވާއަށް ބޭނުންވެފައި ތިބި ކޮންމެ ދެމަފިރިއަކަށް، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފަރާތުން ފޯރުވައިދިން ވަރަށްބޮޑު ހަދިޔާއެއް ކަމަށް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އަލަށް ޒަވާޖީ ޙަޔާތެއް ފެށްޓުމަށް ތައްޔާރަށް ތިބި ޒުވާނުންނަށް ދިން ވަރަށް ބޮޑު އުންމީދެއް ކަމަށް ވިދާޅުވިއެވެ.

ނޭޝަނަލް ފަރޓިލިޓީ ކެއަރ ޕްރޮގްރާމެއް ތަޢާރަފްކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ސަރުކާރުން ވަމުން އަންނަ ކަމުގައި ވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.

''އެ ޕްރޮގްރާމް ތަޢާރަފްކުރުމަށްޓަކައި އަޅުގަނޑުމެން މިހާރު ކުރަމުން މި އަންނަ ކަމަކީ، މިފަދަ ޕްރޮގްރާމަކަށް ޝަރުޠު ފުރިހަމަވާނެ މީހުން ކަނޑައެޅުމާއި، ދަރިމައިވުމުގެ ޞިއްޙަތާ ގުޅޭ މަޢުލޫމާތު، ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމުގެ މަސައްކަތް. އަދި ދެމެހެއްޓެނިވި ގޮތެއްގައި މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދެވޭނެ މާލީ ނިޒާމަކީ ކޮބައިކަން ދެނެގަތުމުގެ މަސައްކަތްވެސް އަޅުގަނޑުމެން އެބަ ކުރިއަށް ގެންދަން.'' ރައީސް ވިދާޅުވެފަވެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގައި ހުޅުވި ދަރިމައިވުމުގެ ފަރުވާއާ ބެހޭ ޚާއްޞަ ކްލިނިކުން އައިވީއެފްގެ ޚިދުމަތް ދޭން ފެށުން ވެގެން ގޮސްފައި ވަނީ ރާއްޖޭގައި މުޅިން އަލަށް ފަށާ ފަރުވާއަކަށެވެ. އެ ހޮސްޕިޓަލްގައި ގާއިމްކުރި މި ސެންޓަރުން އެ ހިދުމަތް ދެނީ 46،000ރ. އަށެވެ.

ދަރިމައިނުވުމުގެ މައްސަލަތަކަކީ އެތައް ދިވެހި ދެމަފިރިއަކު ތަހައްމަލު ކުރަމުން އަންނަ ކަމެކެވެ. މިފަރުވާ ހޯދުމަށް މައިގަނޑު ގޮތެއްގައި މީގެ ކުރީން ދިވެހިން ދަތުރުކޮށް އުޅެނީ އަވަށްޓެރި އިންޑިއާ އަށެވެ. އަދި ބެންކޮކުން ވެސް މި ޚިދުމަތް ހޯދާ ފަރާތްތައް ވަރަށް ގިނައެވެ. މިފަރުވާއަށް އެކަން ތަހައްމަލުކުރާ ފަރާތްތަކުން މީގެ ކުރީން ބޮޑު ހޭދައެއްކޮށް، ބޮޑު ތަކުލީފެއް އުފުލަމުން އަންނައިރު، އަމިއްލަ ގައުމުން މި ފަރުވާ ލިބޭގޮތްވުމީ އެފަދަ ފަރާތްތަކަށް ލިބިގެންދާނެ ތަސައްލީއެކެވެ.