ސިޔާސީ ޕާޓީއެއްގެ ވިސްނުމާއި ފިކުރަކީ ވަޒީފާއެއް އެކަނި ކަމަށް ދެކިގެންނުވާނެކަން ސަރުކާރުގެ މަގާމުތަކުން އިއްޔެ ވަކިކުރި ފަރާތްތައް ހާމަކޮށްދީފިކަމަށާއި، އެއީ އެފަރާތްތައް ގައުމުގެ ކުރިމަގަށް ހެޔޮ އެދޭތީ ނެގި ސްޓޭންޑެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ސިއްޕެ) ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ މިނިސްޓަރުކަމާއި، ރައްޔިތުންގެ މަޖިލިސްގެ ބާރަށު ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ސިއްޕެ މިހެން ވިދާޅުވީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސްބޭފުޅުން އިސްވެ ތިއްބަވާ އުފައްދާ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް"އަށް އެމްޑީޕީގެ ސްލޮޓްގައި ސަރުކާރުގައި ތިބި ބައެއް މީހުން ސޮއި ކުރުމުން، އެމީހުން ސަރުކާރުން ވަކިކުރުމުން އެކަމާއި ގުޅުވައި ކުރެއްވި ޓްވީޓެއްގައެވެ.

Ad
rt

ޑިމޮކްރެޓްސްއަށް ސޮއިކުރާ މެމްބަރުން ސިޔާސީ މަގާމްތަކުން ވަކިކުރާ މައްސަލާގައި ފާޑުކިޔުން އަމާޒުވެފައިވާއިރު، ސަރުކާރުން އިއްޔެ ވިދާޅުވީ، ސަރުކާރުގެ މަގާމުތަކުން ވަކި ކުރަމުންދާ މީހުންނަކީ އެމްޑީޕީގެ ސްލޮޓްތަކުގައި މަގާމުތަކަށް އައްޔަނުކުރި މީހުން ކަމަށެވެ. އަދި އެ މީހުން އެމްޑީޕީ ދޫކޮށްލުމުން އެ މަގާމުތަކުން އެ ފަރާތްތައް ވަކިކޮށް ދިނުމަށް އެ ޕާޓީން އެދިފައިވާ ކަމަށެވެ.

މިގޮތުން މަގާމުތަކުން ވަކިކުރި ބައެއް މީހުންގެ ފޮޓޯ ހިމަނައި ސިއްޕެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ ވިސްނުމާއި ފިކުރަކީ ވަޒީފާއެއް އެކަނި ކަމަށް ދެކިގެންނުވާނެކަން އެފަރާތްތަކުން ހާމަކޮށްދީފައިވާ ކަމަށެވެ. އަދި އެއީ މިރާއްޖޭގެ ޒުވާންޖީލުގެ މުސްތަގުބަލަށް ހެޔޮއެދޭތީ ނެގި ސްޓޭންޑެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

''ބުއްދިވެރިންނަކީ ގާތަށްވުރެ ދުރުބަލަން ދަންނަމީހުން'' ޝިއްޕެ ވިދާޅުވެފަވެއެވެ.

އިއްޔެ ވަޒީފާއިން ވަކިކުރި ފަރާތްތަކާއި ގުޅުވައި "ދަ ޑިމޮކްރެޓްސް" އިން ނެރުނު ނޫސްބަޔާނެއްގައި ވަނީ އެއީ އެ ޕާޓީ އުފެއްދުމުގައި ހަރަކާތްތެރިވާ ޒުވާނުންނަށް ބިރު ދެއްކުމަށް ހިންގި ޢަމަލެއްގެ ގޮތުގައި ސިފަކޮށް، އެކަން ކުށްވެރިކޮށްފައެވެ.

"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަން ކޮމިޝަން (އީސީ) އިން ދީފައި ވަނީ 24 މޭ 2023 ގައެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ނަމުގައި އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި ހުށަހެޅުމުން އީސީއިން 24 މެއި 2023 ގައި ވަނީ 3 މަސް ދުވަހުގެ ތެރޭގައި އެ ޕާޓީ އުފެއްދުމަށް ބޭނުންވާ 3000 މެންބަރުންގެ ސޮއި ހަމަކޮށް އެ ޕާޓީ އުފެއްދުމުގެ މަސައްކަތްތަކުގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ހުއްދަ ދީފައެވެ. އެހެންވެ އެ ޕާޓީގެ އުފެއްދުމަށް ބޭނުންވާ ސޮއި ހޯދުމުގެ މަސައްކަތް އެކަމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ގެންދަވަނީ ވަރަށް ފޯރީގައި ކުރިއަށް ގެންދަވަމުންނެވެ.