އައިސް ޕްލާންޓްތައް ހިންގުން ފެނަކަ ކޯޕަރޭޝަން އާއި ހަވާލުކުރުމުގެ ނަތީޖާ ރަނގަޅު ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީގައި ފެނަކައިން އިމާރާތްކުރި އާ އިންޖީނުގެއާ އޮފީސް އިމާރާތް އަދި އައިސްޕްލާންޓް ހުޅުއްވައި ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ފެނަކަ ކޯޕަރޭޝަނާއި އައިސްޕްލާންޓްތައް ހިންގުން ހަވާލުކުރުމަށް ސަރުކާރުން ނިންމީ އެކަމާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރުމަށްފަހުގައި އެންމެ ރަނގަޅު ގޮތަކީ އެއީ ކަމުގައިވާތީ ކަމަށާއި މިހާރު ފެނަކައާއި ހަވާލުކޮށްފައިވާ ހުރިހާ އައިސް ޕްލާންޓްތަކަކުންވެސް މަސްވެރިންނަށް ޚިދުމަތް ލިބެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ފެނަކައިން ފޯރުކޮށްދޭ ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތާއި އަދި މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދާނެ"
ފެނަކައިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން، ފެނަކައިން މި ޤާއިމްކުރާ އިންޖީނުގެތަކާއި އަދި ރަށްރަށުގައި މި ވަޅުލެވޭ ހޮޅިތަކުގައި ފެނާއި ނަރުދަމާގެ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ދިނުމަށްޓަކައި މީހުންވެސް ބޭނުންވާކަމަށާއި އެގޮތުން އިންޖިނިއަރުންނާއި ޓެކްނީޝަނުން އަދި އިދާރީ މުވައްޒަފުންވެސް ބޭނުންވާކަން ފާހަގަކުރައްވަމުން މި ކަންތައްތައް ފުއްދުމަށްޓަކައި ފެނަކައިން އިންސާނީ ވަސީލަތް ތަރައްޤީ ކުރުމުގައިވެސް ނުހަނު ބޮޑު މަސައްކަތްތަކެއް ކުރައްވަމުން އެބަ ގެންދަވާކަމުގައި ވިދާޅުވި އެވެ.
"ފެނަކައިން މިހާރު ރާއްޖޭގެ އެކި ރަށްރަށުގައި ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 61 އޮފީހެއް ހުޅުވިއްޖެ. 48 އިންޖީނުގެ ހުޅުވައިފި. އިތުރު 28 އިންޖީނުގޭގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދޭ. އިރާދަކުރެއްވިއްޔާ، އެ ރަށްރަށަށް މި ދައުރު ނިމުމުގެ ކުރިން، މި ޚިދުމަތްތައް ލިބެން ފަށާނެ."
ރައީސް ވިދާޅުވި އެވެ.
ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ފެނަކައިގެ މުވައްޒަފުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި ރައީސް ވަނީ ފެނަކައިގެ ހީވާގި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.
މިރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ދައުލަތުގެ ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިންނާއި، ފީއަލީގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރަށުގެ އާއްމު ރައްޔިތުން ބައިވެރިވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!