ދަނޑުވެރިކަން: އޮށްކާނާ

Dhandhuverikan

ގަހަށް ކާނާ ދޭން ޖެހޭ ހާލަތްތަކުގައި ދިނުމަށް ގިނަ ދަނޑުވެރީން އޮށްކާނާ އިޚުތިޔާރުކުރެއެވެ. އޮށްކާނާ އަށް އެނަމުން ނަންދީގެން ބޭނުންކުރަމުން ދަނީ އޮށްއޮށަށް ނުވަތަ މިނާފުށް ވަރުގެ ކުދި ގުޅަ ތަކެއްގެ ގޮތުގައި ހުންނާތީ އެވެ.

އޮށްކާނާއަކީ އޭގައި ގަހަށް ބޭނުންވާ ކަނާދުތައް ހިމެނޭގޮތަށް ފެކްޓްރީގައި ތައްޔާރުކޮށްފައި ހުންނަ މަސްނޫއީ ކެމިކަލް ކާނާއެވެ. އޭގައި މައިގަނޑު 3 ކަނާދު ކަމުގައިވާ ނައިޓްރޯޖަން، ފޮސްފޮރަސް އަދި ކޭލިޔަމް ނުވަތަ ޕޮޓޭސިއަމް އެކުލެވިފައި ވެއެވެ. އަދި އޮށްއޮށަށް ބެހެެއްޓުމަށް އެކަމަށް ބޭނުންވާ ކެމިކަލް ވެސް އެކުލެވެއެވެ.

ގަސް ހައްދާ އިރު އަދި ދަނޑުވެރިކަމުގައި ކޮންމެހެން އޮށްކާނާ ބޭނުންކުރަން ޖެހޭކަމަށް ހީވެފައި އޮންނަ ހީވުމަކީ ކުށްހީއެކެވެ. ނަމަވެސް ރާއްޖެ ފަދަ ފަސްގަނޑުގެ މުއްސަނދިކަން ކުޑަ ގައުމެއްގައި އަވަހަށް ބޭނުންވާ ނަތީޖާ ހޯދުމަށް ދަނޑުވެރީން އޮށްކާނާ ބޭނުންކޮށް އުޅެއެވެ.

މިފަދަ ކާނާއިން ކޮށްދޭކަމަކީ ފަސްގަނޑުން އެކަށީގެންވާ ވަރަށް ގަހަށް ނުލިބޭ މާއްދާތައް ގަހަށް ލަސްލަހުން ލިއްބައިދިނުމެވެ. ޕައުޑަރުކޮށްވެސް ހުންނަނީ ހަމަ މި މާއްދާތައް ލިއްބައިދޭ ކާނާ އެވެ. ނަމަވެސް ތަފާތަކީ ޕައުޑަރު ކާނާ އަވަހަށް ފެނާއެކުވެ ފަސްގަނޑަށް ފޭދި މޫތަކާ ހަމައަށް އޭގައި އެކުލެވޭ ކަނާދުތައް ފޯރުމެވެ. އޮށްއޮށަށް ހުންނަ ކާނާ ގަސް ބުޑަށް އަޅާފައި ފެންދޭއިރު އޮށްތައް ފޯވެ ލަސްލަހުން ކަނާދުތައް ބިންގަނޑަށް ފޭދި މޫތަކަށް ކަނާދުތައް ލަސްލަހުން ލިއްބައިދެމުން ދެއެވެ. މިހެންވެ މިފަދަ ކާނާއަށް 'ސްލޯ ރިލީޒް' ކާނާއޭ ކިޔެއެވެ. އަދި މި މަރުޙަލާ އިތުރަށް މަޑުޖައްސައިލުމަށް ބައެއް އޮށްކާނާގެ ބޭރުގައި އިތުރު ތޮއްޓެއް ލައްވާފައި ހުރެއެވެ.

ވަރަށް ގިނަ މީހުން އަދިވެސް އޮށްކާނާގެ ބޭނުން ތަފާތު ކުލަތަކުން ފާހަގަކުރަން އުޅެއެވެ. ސަބަބަކީ މިފަދަ ކާނާތައް ތަޢާރަފްވެގެން އައިއިރު މިސާލަކަށް ފެހިއޮށުން ގަސް ފެހިކޮށް ހައްދައިދެއެވެ. ނަމަވެސް މިހާރު ކާނާ އުފައްދާ މީހުންނާއި ވައްތަރުތައް ގިނަވެ ކުލަތަކާއި ބޭނުންތައް ވަނީ އޮޅުންބޮޅުން ވެފައެވެ.

މިހާރު އޮށްކާނާ ދޭއިރު ބަލަން ޖެހެނީ އެކާނާ ކޮތަޅެއްގެ ބޭރުގައި ލިޔެފައި އޮންނަ 'އެން.ޕީ.ކޭ' ރޭޝިއޯ އަށެވެ. އިނގެރޭސި ލިޔާކޮޅުން (ވާތުން ކަނާތައް) އަކުރާއި އަދަދު އަޅައިކިޔާށެވެ.

'އެން' ރަމްޒުކޮށްދެނީ ގަސް ފެހިކޮށް ވަރުގަދަޔަށް ހައްދައިދިނުމަށް ބާރު އަޅާ ކަނާދު، ނައިޓްރޯޖަން އެވެ. ރޭޝިއޯގައި މި އަކުރަށް ނިސްބަތްކޮށްފައި އޮންނަ އަދަދު ބޮޑު ނަމަ އެއީ މަތީ މިންވަރަކަށް ނައިޓްރޯޖަން އެކުލެވެނީއެވެ. ގަސް ފެހިކޮށް ވަރުގަދަކޮށް ނުހެދިގެން އުޅޭ ފަރާތްތަކުންނާއި ކޮޕީ، ބިލެތް ފަދަ ފަތް ގަސް ހައްދާ މީހުން މި ކާނާ ބޭނުންކުރެއެވެ.

'ޕީ' ރަމްޒުކޮށްދެނީ މަލާއި މޭވާ އެޅުމުގެ ކަންކަމަށް ބާރު އަޅާ ކަނާދު، ފޮސްފޯރަސް އެވެ. ރޭޝިއޯގައި މި އަކުރަށް ނިސްބަތްކޮށްފައި އޮންނަ އަދަދު ބޮޑު ނަމަ އެއީ މަތީ މިންވަރަކަށް ފޮސްފޯރަސް އެކުލެވެނީއެވެ. ގަހުގައި މައު ނާޅައިގެންނާއި ގިނައިން މައު އެޅުވުމަށް އަދި އަޅާ މައު ހެވަށް ހެދުމަށާއި މަތިވަރު ރަނގަޅުކުރުމަށް ވިސްނާ ފަރާތްތަކުން މި ކާނާ ބޭނުންކުރެއެވެ.

'ކޭ' ރަމްޒުކޮށްދެނީ މޫތައް ތަރައްޤީކޮށްދީ ގަހުގެ ޞިއްޙީ ދުޅަހެޔޮކަމަށް ބާރު އަޅާ ކަނާދު، ކޭލިޔަމް ނުވަތަ ޕޮޓޭސިއަމް އެވެ. ރޭޝިއޯގައި މި އަކުރަށް ނިސްބަތްކޮށްފައި އޮންނަ އަދަދު ބޮޑު ނަމަ އެއީ މަތީ މިންވަރަކަށް ޕޮޓޭސިޔަމް އެކުލެވެނީއެވެ. ގަހުގެ ޖުމްލަ ހުރިހާ ކަމެއް ރަނގަޅުކުރަން އެދޭ ފަރާތްތަކުން މި ކާނާ ބޭނުންކުރެއެވެ. މޫތައް ވަރުގަދަވުމުން ގަހަށް ގިނައިން ކާނާ ލިބި ރަނގަޅަށް ހެދެއެވެ. އަދި ބަލިތަކުން ދިފާޢުވުމުގެ ބާރުވެސް ގަދަކޮށްދެއެެވެ.

ދެން އޮތީ އޮށްކާނާ ދެވިދާނެ މުއްދަތާއި މިންވަރެވެ. އޮށްކާނާ ދޭނީ މަހަކު 1 ދުވަހު އެވެ. އެންމެ ކައިރިކޮށް ކޮންމެ 15 ދުވަހަކުންނެވެ. އޮށްކާނާ ދޭން އޮންނަނީ ކޮންމެ 1000 އަކަފޫޓަކަށް 2 ކިލޯގެ މަގުންނެވެ. މާނައަކީ އަކަފޫޓަކަށް އެންމެ 2 ގުރާމެވެ. މިއީ ވަރަށް ކުޑަ މިންވަރެކެވެ. ނަމަވެސް އަހަރެމެން އޮށްކާނާ އަޅާއިރު އަޅަނީ ނުވެސް މިނައި، ހިތުހުރި މިންވަރެކެވެ. މިއީ ގޯހެކެވެ. ފަސްގަނޑުގެ ބާރު ދިޔުންފަދަ މައްސަލަތައް ކުރިމަތިވަނީ މިހެންވެގެންނެވެ.

ގަސް ހައްދާއިރު އޮށްކާނާ ބޭނުންކުރާ ފަރާތްތަކަށް މި މަޢުލޫމާތުކޮޅު މުހިއްމުކަމަށް ދެކެމެވެ.

މިއީ ހުބާ ޕްލާންޓްސް ގެ ހެޔޮއެދުންތަކާއިއެކު ގެނެސްދެމުންދާ ސިލްސިލާ މަޢުލޫމާތުތަކެކެވެ.

ހުބާ ޕްލާންޓްސް ފޭސްބުކް

ހުބާ ޕްލާންޓްސް ޓެލެގުރާމް ޗެނަލް

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *