އުފަލުގައި އޮތީ ޝުކުރުވެރިވުމެވެ. ބޮޑާވެގަތުމެއް ނުވެއެވެ. ހިތާމައިގައި އޮތީ ކެތްތެރިވުމެވެ.

Smiling and sad symbols on wooden blocks on a gray background.

މުއުމިނުއަޅާއަށް ދިމާވާ ކޮންމެ ކަމަކީ ވެސް ހެވެކެވެ. އޭގައި ނުބައި ކަމެއް ނުވަތަ ބަދުނަޞީބު ކަމެއް ނުވެއެވެ.

މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައި ވެއެވެ. " عَجَبًا لِأَمْرِ الْمُؤْمِنِ، إِنَّ أَمْرَهُ كُلَّهُ خَيْرٌ، وَلَيْسَ ذَاكَ لِأَحَدٍ إِلَّا لِلْمُؤْمِنِ ؛ إِنْ أَصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْرًا لَهُ، وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ فَكَانَ خَيْرًا لَهُ " (مسلم)

މާނައީ: "މުއުމިނުއަޅާގެ ކަންތަކާ މެދު އަޖާއިބުހުއްޓެވެ. އެހެނީ، އޭނާާއާ މެދު ހުރީ މުޅިން ވެސް ހެޔޮ ގޮތެވެ. މިއީ މުއުމިނުއަޅާ ނޫން މީހަކަށް ހުރިގޮތެއް ނޫނެވެ. އޭނައަށް އުފައުވެރިކަމެއް ދިމާވެއްޖެ ނަމަ، އޭނާ އެކަމަކަށް ޝުކުރު ކުރެއެވެ. އެއީ އޭނާއަށް ލިބޭ ހެވެކެވެ. އަދި އޭނައަށް ގެއްލުމެއް މެދުވެރިވެއްޖެ ނަމަ، އޭނާ ކެތްތެރިވެއެވެ. ފަހެ އެ ކަން ވެސް ވަނީ އޭނާއަށް ލިބޭ ހެވަކަށެވެ."

މި ޙަދީޘްފުޅަށް ނަޒަރު ހިންގައިލުމުން މުއުމިނުއަޅާއަށް ދުނިޔެމަތީގައި ކުރިމަތިވާ ކޮންމެ ކަމަކީ ވެސް ހެވެއް ކަން އެނގި ބަޔާންވެގެން ދެއެވެ. އުފައުވެރިކަމެއް ދިމާވެއްޖެ ނަމަ އޭނައަށް އޮތީ ޝުކުރުވެރިވުމެވެ. ބޮޑާވެގަތުމެއް ނުވެއެވެ. އަދި ގެއްލުމެއް މެދުވެރިވެއްޖެ ނަމަ އޮތީ ކެތްތެރިވުމެވެ. ޤަޟާޤަދަރާއި މިންވަރަށް އީމާންވުމެވެ. އެ ކަން ވެސް ވެގެންދަނީ އޭނައަށް ހެވަކަށެވެ.

އަދި ކިއެއްތޯއެވެ. ޙަދީޘްފުޅުތަކަށް ނަޒަރު ހިންގައިލުމުން ފެނިގެން ދަނީ، މުއުމިނުއަޅާގެ ފަޔަށް ހެރޭ ކުޑަކުޑަ ކަށްޓެއްގެ ސަބަބުން ވެސް އޭނަގެ ދަރަޖަ މަތިވެރި ކުރައްވައި، އޭނާގެ ފާފަ މާތް ﷲ ފުއްސަވައި ދެއްވާނެ ކަމުގެ އުފައުވެރި ޚަބަރުތަކެވެ. އޭނައަށް ދުނިޔެމަތީގައި ދިމާވި ދަތިތަކާއި އުނދަގުލާއި ބަލިމަޑުކަމާއި ދެރައާއި ހިތާމައަށް ކެތްތެރިވެ މާތް ﷲގެ މިންވަރުފުޅަށް އީމާންވުމުގެ ސަބަބުން، ޤިޔާމަތްދުވަހުން އޭނައަށް ވާ ސަވާބާއި ދަރުމައިގެ ބޮޑެތި ފަރުބަދަތައް ފެނިފައި އޭނަ ވެސް ޢަޖާއިބު ވާނެއެވެ. އަދި ހިތަށް އަރާނެއެވެ. ދުނިޔެމަތީގައި އަދި މިއަށް ވުރެ ގިނަ ދަތިތައް ދިމާވި ނަމަ ކިހައި ރަނގަޅު ވީސް ހެއްޔެވެ. އެއިރުން މިއަށް ވުރެ ގިނަ ސަވާބާއި ދަރުމަ ލިބުނީ ނޫން ހެއްޔެވެ. އަދި ހެޔޮ ޙާލުގައި ދުނިޔެމަތީގައި އުޅުނު މީހާ ވެސް އެ ދުވަހުން ހިތަށް އަރާނެއެވެ. ތިމާއަށް ވެސް އެފަދަ ދަތިތަކާއި އުނދަގުލާއި ބަލިމަޑުކަން ކުރިމަތިވި ނަމަ ކިހާ ރަނގަޅު ވީސް ހެއްޔެވެ.

މުއުމިނުއަޅާ އީމާން ވަނީ މާތް ﷲ އަށެވެ. އެ އިލާހު ސުބުޙާނަހޫ ވަތަޢާލާ މި ދުނިޔެ ލެއްވީ އިމްތިޙާނުގެ ގޮވައްޗެއްގެ ގޮތުގައިކަން އޭނާ މާ ރަނގަޅަށް ދަނެއެވެ. މިތަނުގައި އެކި ކަހަލަ އިމްތިޙާނުތަކާ ކުރިމަތިލާން ޖެހޭނެ ކަން ވެސް އޭނާ ދަނެއެވެ. ވުމާ އެކު، އޭނާގެ ހުރިހާ ވިސްނުމެއް ހުންނާނީ މާތް ﷲގެ މިންވަރުފުޅަށް އީމާންވެ އެ އިލާހުގެ ޙަޟްރަތުން ލިބެން އޮތް ސަވާބާއި ދަރުމައެއް ހާސިލުކުރުމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *