ސައޫދީ އަރަބިއްޔާއިން ދިވެހިންނަށް 350 އަށް ވުރެ ގިނަ ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރާއްޖޭގައި ހުންނަ ސައޫދީ އެމްބަސީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ އެ ސައޫދީގައި ކިޔެވުމުގެ 350 އަށްވުރެ ގިނަ ސްކޮލާޝިޕްގެ ފުރުޞަތު ދިވެހިންނަށް ހުޅުވާލާފައިވާ ކަމަށެވެ.

Ad
rt

މި ސްކޮލާޝިޕް ތަކަކީ "ފުލީ ފަންޑެޑް" ސްކޮލާޝިޕް ތަކެއް ކަމަށާއި، މި ސްކޮލާޝިޕްތަކުގެ ދަށުން ބެޗްލާސް ޑިގްރީ އާއި ޕޯސްޓްގްރެޖުއޭޓް އަދި ޕީއެޗްޑީއަށް ކިޔެވުމުގެ ލިބޭނެ ކަމަށް ވެސް އެ ޓްވީޓްގައި ބުނެފަވެއެވެ.

ސައޫދީ އެމްބަސީން ބުނެފައިވާ ގޮތުގައި، ބިޒްނަސް މެނޭޖުމަންޓާއި، މީޑިއާގެ ދާއިރާއިންނާއި، ކޮމްޕިއުޓާ ސައިންސާއި، ލޯ ސައިންސާއި، އެޑިއުކޭޝަނަލް ސްޕެޝަލިޓީސް އާއި ސޯޝަލް ސައިންސް އާއި ދަނޑުވެރިކަމުގެ ދާއިރާއިންނާއި، އިގުތިސާދާއި ސިޔާސީ ދާއިރާ އާއި އިންޖީނިއަރިންގެ ދާއިރާއިންނާއި، އިސްލާމީ ތައުލީމުގެ އިތުރުން އަރަބި އަދި އެހެން ބަސްބަހުގެ ކޯސްތައް ވެސް މި ސްކޮލާޝިޕްގެ ދަށުން ހެދޭނެއެވެ.

ސައުދީއަކީ މިހާރު އަރަބި ގައުމުތަކުގެ ތެރެއިން މަތީ ތައުލީމު އެންމެ ރަނގަޅަށް ދޭ ގައުމުކަން ފާހަގަކޮށް ސައޫދީ އެމްބަސީން ބުނީ، އެ ގައުމުގެ ޔުނިވާސިޓީތަކުން ހިންގާ ޕްރޮގްރާމްތައް ދުނިޔޭގެ ރޭކިންގައި ވެސް ބޮޑެތި ކުރިއެރުންތައް ހޯދާފައިވާ ކަމަށެވެ. އަދި މިހާރު ވެސް އެ ސައޫދީގައި ހިންގާ 27 ޕްރޮގްރާމް ދުނިޔޭގެ ރޭކިންގެ އެންމެ މަތީ 100 ގެ ތެރޭގައި ހިމެނޭ ކަމަށް ބުންޏެވެ. މިގޮތުން ދުނިޔޭގެ ރޭންކިންގައި ހިމެނޭ އެ ގައުމުގެ ފަސް ޔުނިވާސިޓީއެއްގެ ނަން ވެސް އެމްބަސީން ވަނީ ފާހަގަކޮށްފައެވެ.

މި ސްކޮލާޝިޕްތަކަށް ހުށަހެޅުމުގެ ފުރުސަތު https://studyinsaudi.moe.gov.sa ވެބްސައިޓް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލާފައެވެ. މި ވެބްސައިޓަކީ ބޭރު ގައުމުތަކުގެ ދަރިވަރުންނަށް ހާއްސަ ކޮށްގެން ސައޫދީ ސަރުކާރުން ހަދާފައިވާ ހާއްސަ ވެބްސައިޓެކެވެ.