ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ދި ފައުންޑޭޝަން ގުޅިގެން ދިއްދޫގެ ކޮންމެ ގޭބިސީއަކަށް ފޮތިކޮތަޅެއް ހަދިޔާކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ދިއްދޫގެ ކޮންމެ ގެއަކަށް ފޮތިކޮތަޅެއް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމް ފެށުމުގެ ގޮތުން އިއްޔެ ހެނދުނު ވަނީ ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައެވެ. މި ރަސްމިއްޔާތުގައި އެ ސްކޫލުގެ 994 ދަރިވަރުންނަށް ވަނީ ފޮތިކޮތަޅު ހަދިޔާކޮށްފައެވެ. މީގެއިތުރުން އެ ސްކޫލުގެ މުވައްޒަފުން ހިމެނޭހެން ޖުމްލަ 1100 ކޮތަޅު ވަނީ ބަހާފައެވެ. އެ ރަސްމިއްޔާތުގައި ވަނީ ދިއްދޫގައި ހުންނަ ބައެއް މުއައަށްސަސާތަކަށް ވެސް ރަމްޒީގޮތުން ފޮތިކޮތަޅު ހަވާލުކޮށްފައެވެ.

Ad
rt

މި ޕްރޮގްރާމްގެ ދަށުން މިހާރު ދިއްދޫގެ ގޭބިސީތަކަށް ފޮތިކޮތަޅު ބަހަން ފަށާފައިވާއިރު މާދަމާގެ ނިޔަލަށް އެ ރަށު ހުރިހާ ގެއަކަށް ފޮތިކޮތަޅު ބަހާ ނިމޭނެކަމަށް މިޑްލް ސްޕޯޓްސް ކުލަބުން މަޢުލޫމާތު ދެއްވައެވެ. ކޮތަޅު ބެހުމުގެ މަސައްކަތް ކުރަމުން އަންނަނީ އެ ކުލަބުގެ މެމްބަރުންނެވެ. ދިއްދޫގައި މީހުން ދިރިއުޅޭ 900 އަށްވުރެ ގިނަ ގެ ހުރެއެވެ.

މި ޕްރޮގްރާމާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން މިޑްލް ސްޕޯޓްސް ކުލަބުގެ ރައީސް ނަޝްވާން އިބްރާހީމް ބުނެފައި ވަނީ އެ ކުލަބާއި ދި ފައުންޑޭޝަންގެ ފަރާތުން މިހާރު ތައްޔާރުވަމުން އަންނަނީ ހއ އަތޮޅުގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ފޮތިކޮތަޅު ފޯރުކޮށް ދިނުމަށް ކަމަށާއި، ބޮޑު ޗުއްޓީއަށް ފަހު ސްކޫލްތައް ހުޅުވޭއިރު ކޮތަޅު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންވޭވަރު ވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން ޖުމްލަ 5000 (ފަސްހާސް) ފޮތިކޮތަޅު ބެހުމަށް ވަނީ ނިންމާފައެވެ. ނަމަވެސް މި ޕްރޮގްރާމް ފެށުމުގެ ގޮތުން ގެނެސްފައި ވަނީ ދެހާސް ކޮތަޅެވެ. ނަޝްވާން ބުނެފައި ވަނީ މި ޕްރޮގްރާމް ފުރިހަމަކުރަން ބޭނުންވާ އިތުރު ތިންހާސް ކޮތަޅު މިހާރު އޯޑަރު ކުރެވިފައިވާ ކަމަށެވެ.

މި ޕްރޮގްރާމް ކުރިއަސް ގެންދިޔުމުގެ މަޤުސަދުތަކުގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ މެދުގައި ތިމާވެއްޓާއި ރައްޓެހި އާލާތްތައް ބޭނުންކުރުމުގެ ޝައުޤުވެރިކަން އުފެއްދުމާއި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރުމަށް ބާރުއެޅުމެވެ.