ޑްރަގް ޓްރެފިކު ކުރާ މީހުންނަށް މަރުގެ އަދަބުދޭން ތާއީދު ކުރައްވާކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)ގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ، އެމްއެންޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ "ނާޒިމް ބުނަނީ ކީކޭ؟" ކްލަބް ހައުސް އިވެންޓުތަކުގެ ތެރެއިން މިރޭގެ އިވެންޓުގައި ބައިވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
ކުރީގެ ތިން ޕްރޮގްރާމެކޭ އެއްފަދައިން އެމްއެންޕީގެ ނާއިބް ރައީސް ހުސައިން އިސްމާއިލް ހުށަހަޅުއްވައި ދެއްވި މި ޕްރޮގްރާމްގައި ނާޒިމް ވިދާޅުވީ، މިރާއްޖޭގެ ޑްރަގުގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ޑްރަގު އެތެރެ ކުރާމީހުންނަށް ހަރުކަށި އަދަބު ދެވޭނެ އުޞޫލެއް ގާއިމުކުރުމަކީ ތާއީދުކުރަށްވާ ކަމެއް ކަމަށެވެ.
އެމްއެންޕީގެ ސަރުކާރެއްގައި ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭނެ ގާނޫނެއް ފަރުމާކުރުމަށް މަސައްކަތް ކުރައްވާނޭކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
ނާޒިމް ވަނީ މިރޭވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މިގޮތުން މި ސަރުކާރު ފެންނަނީ ވަރަށް ދޯހަޅި ސަރުކާރެއްގެ ގޮތުގައިކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުގައި ހިންގުންތެރިކަން ނެތްކަމަށާއި ގާބިލު މީހުން ނެތްކަމަށް ވެސް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!