ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް މައުލޫމާތު އެއްކުރުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިއަދު އަތޮޅުތަކަށް ދަތުރު ފަށައިފިއެވެ.
އެމްޑީޕީން ބުނީ، ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ރިޔާސީ ދެ ދައުރު ކާމިޔާބު ކުރުމަށް އެމްޑީޕީ ފަށާ ކެމްޕޭނަށް މަޢުލޫމާތު އެއްކުރުމަށް ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށަަކަށް އެމްޑީޕީގެ މެމްބަރުން މިއަދު ދަތުރު ފަށާފައިވާ ކަމަށެވެ.
މި ދަތުރުގައި މާލެއިން ދާ އެ ޕާޓީގެ ވަފްދުތަކާއި އަތޮޅުތަކުން ވެސް މަންދޫބުން ގުޅޭނެ ކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީގެ މި ދަތުރާއިގުޅޭގޮތުން އެ ޕާޓީފެ ޗެއާޕާސަން މާލީ އަދި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާޙީމް ވަހީދު (އިބްރޭ) ވިދާޅުވިގޮތުގައި، ތިލަދުންމަތީގެ ތުރާކުނުން ފެށިގެން އައްޑޫ ހިތަދޫއާ ދެމެދު ހުރިހާ ރަށެއްގައި އެ ޕާޓީގެ 2023 ގެ މެނިފެސްޓޯއަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގައި އެމްޑީޕީގެ ހާހަކަށްވުރެ ގިނަ މެންބަރުން ކުރިއަށް އޮތް ތިން ދުވަހު މަސައްކަތް ކުރާނެއެވެ.
ރިޔާސީ ކެމްޕޭނަށް މައުލޫމާތު އެއްކުރުމުގެ ދަތުރެއް އެމްޑީޕީން ފަށާފައިވާއިރު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ މިހާރުގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބު ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!