ފުޑް، ޓްރެވަލް، އަދި ލައިފްސްޓައިލް ކޮންޓެންޓް ޕްލެޓްފޯމް ކަމުގައިވާ ކަރލީ ޓޭލްސްއާ އެކު މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން ހާއްސަ ކެމްޕޭނެއް ފަށައިފިއެވެ.
މެއި މަހުގެ ނިޔަލަށް ކުރިއަށްދާ މި ކެމްޕޭނަކީ އިންޑިއާ މާކެޓުގައި ރާއްޖޭގެ ބްރޭންޑް ހަރުދަނާކޮށް، އިންޑިއާގެ މަތީ ފަންތީގެ ފަތުރުވެރިންނަށް އަމާޒުކޮށް ކުރިއަށްގެންދާ ކެމްޕެއިނެކެވެ.
މި ކެމްޕޭންގެ ތެރެއިން ކަރލީ ޓޭލްސްގެ ފައުންޑަރ އަދި ލީޑް އެޑިޓަރ ކަމިޔާ ޖަނީ ރާއްޖެއަށް ޒިޔާރަތްކޮށް، ހޯސްޓްކޮށްފައި ވަނީ ކާނީ ޕާމް ބީޗު އަދި ގްރޭންޑް ޕާކް ކޮދިއްޕަރުގައެވެ. ކާނީ ޕާމް ބީޗުގައި ރާއްޖޭގެ ތަފާތު ތަޖުރިބާތަކެއް ކޮށްލުމުގެ ފުރުސަތު ކާމިޔާ އަށް ލިބުނުއިރު، ދިވެހިން އުޅޭ ރަށެއްގައި ލޯކަލް ޓްވިސްޓަކާ އެކު ކަލިނަރީ އެކްސްޕްލޯރޭޝަން، ލޯކަލް އެކްސްޕީރިއަންސްތައް، އަދި ރިލެކްސޭޝަންއަށް ފޯކަސްކޮށްގެން ކާމިޔާބު ތަފާތު އެކި ތަޖުރިބާތައް ވަނީ ކޮށްފައެވެ.
މިއަށްފަހު، ގްރޭންޑް ޕާކް ކޮދިއްޕަރުގައި އޭނާ ހުރި އިރު، ކުރި ތަޖުރިބާތަކުގެ ތެރޭގައި އިރުއޮއްސޭ ގަޑީގައި މަސް ބާނަން ދިޔުމާއި މޫދު ކުޅިވަރުކުޅުމާއި ރިސޯޓުގެ ސްޕާއިން ސައުންޑް ތެރަޕީ ހީލިންގ ސެޝަނެއް ހެދުން ހިމެނެއެވެ. އަދި ސޭންޑްބެންކެއްގައި ރާއްޖޭގެ ކެއުންތައް ކެއްކުމުގެ ހާއްސަ ކްލާހެއް ހަދާ ލޯކަލް ކަލިނަރީ ކަލްޗަރ ވެސް ތަޖުރިބާ ކޮށްފައިވެއެވެ.
މިދަތުރަށްފަހު ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި، ތަޖުރިބާތަކާއި، ސެގްމަންޓްތަކާއި، އެންމެ ފަހުގެ މައުލޫމާތުތައް ތަފްސީލުކުރާ އެކި ބާވަތުގެ ކޮންޓެންޓް ކަރލީ ޓޭލްސްއިން އުފައްދާ ޝާއިރުކުރާނެއެވެ.
ކަރލީ ޓޭލްސްގެ ކޮންޓެންޓް ފޯކަސް ކުރަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަލިނަރީ، ވެލްނެސް، އެޑްވެންޗާ އަދި އެހެނިހެން ފަތުރުވެރިން ޝައުގުވެރިވާ ފަދަ ތަޖުރިބާތަކުގެ ލިޔުންތަކަށެވެ. ރީޗާސްއަށް ބަލާލާއިރު މަހަކު 6.5 މިލިއަން އެކްޓިވް ޔޫޒަރުންނާއި ދުވާލަކު 750،000 އެކްޓިވް ޔޫޒަރުން ކަރލީގައި ތިބެއެވެ.
2022 ވަނަ އަހަރު އިންޑިއާއިން 241،369 ފަތުރުވެރިން ރާއްޖެއަަށް ޒިޔާރަތްކޮށްފައިވާއިރު، އިންޑިއާ ވެގެން ދިޔައީ ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި މާކެޓަށެވެ. އަދި 5 މާރޗް 2023ގެ ނިޔަލަށް އިންޑިއާއިން 41،054 ފަތުރުވެރިން ރާއްޖެ އަށް ވަނީ ޒިޔާރަތް ކޮށްފައެވެ.
އެމްއެމްޕީއާރުސީން އަންނަނީ ރާއްޖޭގެ ބްރޭންޑް އިންޑިއާގެ ފަތުރުވެރިންގެ މެދުގައި ދެމެހެއްޓުމަށްޓަކައި މި މާކެޓަށް އަމާޒުކޮށްގެން އިޝްތިހާރުކުރުމުގެ ގިނަ ކެމްޕެއިންތައް ބާއްވަމުންނެވެ. މީގެ ތެރޭގައި ޑިޖިޓަލް އަދި ސޯޝަލް މީޑިއާ ކެމްޕޭންތަކާއި ބޮޑެތި ފެއަރތަކުގައި ބައިވެރިވުމާއި މީޑިއާ އިންޓަވިއުތައް ދިނުން، އައުޓްޑޯ އިޝްތިހާރު ކުރުމުގެ ކެމްޕޭންތައް، އަދި ފެމިލިއަރައިޒޭޝަން ދަތުރުތައް ހިމެނެއެވެ.
2023 ވަނަ އަހަރުވެސް މިފަދަ ގިނަ ހަރަކާތްތަކެއް މި މާކެޓަށް އަމާޒުކޮށްގެން ބޭއްވުމަށް ވަނީ ރާވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!