ގާތުން ދޭންޖެހޭ ތުއްތު ކުއްޖަކާއި ތިން އަހަރުގެ ކުއްޖަކު މަންމައާ ވަކިކޮށްގެން ބައްޕަ ގެންގުޅެނިކޮށް އެ ކުދިން މަންމައާ އަނބުރާ ހަވާލުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
މަންމަ އަށް ނާންގައި ބައްޕަގެ ގެއަށް ދެ ކުދިން ގެންދިއުމަށް ފަހު، އެ ކުދިންނާ މަންމައަށް ބައްދަލު ކުރެވޭނީ ބައްޕަ ބޭނުންވާ ގޮތަށް އެއްބަސްވެގެން ބައްޕަގެ ގޭގައި ހުރުމުން ކަމަށް އެންގި އެވެ. ފެމިލީ ކޯޓަށް މަންމަގެ ފަރާތުން މައްސަލަ ހުށަހަޅައި، އެ މައްސަލަ ނިމެންދެން ކުދިން މަންމައާ ހަވާލުކުރުމުގެ ވަގުތީ އަމުރަކަށް މަންމަގެ ފަރާތުން އެދުނެވެ.
ފެމިލީ ކޯޓުން ނިންމާފައި އޮތީ އަމުރު ނެރެ ނުދިނުމަށެވެ. އެއީ ވަރީގެ މައްސަލަ ކޯޓުގައި އޮތުމުން ކޯޓު މެދުވެރިކޮށް، ދެމަފިރިން ސުލްހަވުމުގެ ފުރުސަތު އޮތުމުން ކަމަށް ބުނެ އެވެ.
އެ މައްސަލަ މަންމަގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު އެންގީ ފަސް ގަޑިއިރުގެ ތެރޭގައި އެ ކުދިން މަންމައާ ހަވާލު ކުރުމަށެވެ. އަދި ފުލުހުން އެ އަމުރު ތަންފީޒުކުރަން އަންގާފައިވެ އެވެ.
ކުދިން މަންމައާ ކުދިން ހަވާލު ކުރިޔަސް، އެ ކުދިންނަށް ޒިޔާރަތް ކުރުމުގެ ހައްގު ބައްޕަ އަށް ދޭން އެންގި އެވެ.
ހުކުމުގައި ބުނެފައިވާ ގޮތުން ކުރިން ޕްރީ ސްކޫލަށް ފޮނުވިޔަސް، ބައްޕަގެ އާއިލާގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން ސްކޫލަށް ނުގެންދެ އެވެ. އަދި ގާތުން ދޭންޖެހޭ ކުއްޖާ ހާލަތު ވެސް ފެމިލީ ކޯޓުން ބަލާފައެއް ނުވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!