މި ސަރުކާރުން ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްޞަ އިސްކަމެއް އަބަދު ވެސް ދޭ ކަމަށާއި، އެ ވިޔަފާރިތަކުގެ ކުރިއެރުމަށް މަސައްކަތްކުރާނެކަން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، ރޭ ކްރޮސް ރޯޑުގައި ބޭއްވި އޯކާ މީޑިއާ ގުރޫޕުގެ ހަތް ވަނަ " ގޯލްޑް 100 ގާލާ" ޙަފްލާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
"ގޯލްޑް 100" އަކީ ވިޔަފާރީގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު 100 ކުންފުނި ހިމެނޭ ލިސްޓެކެވެ.
"ގޯލްޑް 100 ގާލާ" ޙަފްލާގައި މި ލިސްޓުގައި ހިމެނުނު 100 ކުންފުންޏަށް ރޭ އެވޯޑް ޙަވާލުކުރި މި ހަފްލާގައި ނައިބު ރައީސް ފައިސަލްގެ ދެއްކެވި ވާހަކަފުޅުގައި ވަނީ އިޤްތިޞާދު ކުރިއަރުވައި ވަޒީފާތައް އުފެއްދުމުގައި އަމިއްލަ ވިޔަފާރިތަކުން އަދާކުރާ ދައުރު ފާހަގަކުރައްވާފައެވެ.
ޤައުމީ ތަރައްޤީއާއި މުޖުތަމަޢުގެ ލާބަޔާ މަންފާއަށް އަމިއްލަ ވިޔަފާރިކުރާ ފަރާތްތަކުން ސަރުކާރާއި ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމުގައި ވެސް ރޭ އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
"ގޯލްޑް 100 ގާލާ" ޙަފްލާއަކީ ރާއްޖޭގެ ވިޔަފާރިވެރިންގެ އެންމެ އިސް ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ވިޔަފާރީގެ އާ ފުރުޞަތުތައް ހޯދާފަރާތްތަކަށް ވެސް އެފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ޙަފްލާއެކެވެ.
މި ޙަފްލާގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި ވިޔަފާރިތަކުގެ ޗެއަރމަނުންނާއި، މެނޭޖިންގ ޑިރެކްޓަރުންނާއި، ސީ.އީ.އޯ. އިންނާއި، ވިޔަފާރިތަކުގައި ޙަރަކާތްތެރިވާ އިސްފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!