އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލަ ދިރާސާކޮށް ރައުޔެއް ނެރެން ދިވެހިރާއްޖޭގެ ބާ ކައުންސިލުން ނިންމައިފިއެވެ.

އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ބަހާފައިވާގޮތުގެ ދިރާސާއެއް ކުރަން ނިންމައި، މި މައްސަލަ ދިރާސާ ކުރުމަަށް އެ ކައުންސިލުގެ ލޯ ރިފޯމް އެންޑް ރިސާޗް ކޮމިޓީއަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.

Ad
rt

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން ނިންމާފައިވަނީ މި މައްސަލައިގައި ބާ ކައުންސިލުގެ ރައުޔު ހާމަކޮށްދިނުމަށް އެދި ބާ ކައުންސިލުގެ މެންބަރަކު ހުށަހަޅުއްވުމުން ކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން އިޓްލޮސްއިން ރާއްޖެއާ ޗާގޯސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދު ބެހުމާމެދު ނިންމާފައިވާ ނިންމުމަކީ ގައުމީ މުހިންމު މައްސަލައެއް ކަމަށާއި އާންމު މަސްލަހަތާ ގުޅުންހުރި ގާނޫނީ ނުވަތަ ދުސްތޫރީ މައްސަލަތަކާއި ކަންތައްތަކާ ގުޅިގެން ބާ ކައުންސިލުގެ ރައުޔާއި މައުލޫމާތު ހާމަކުރުމަކީ ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 7 ވަނަ މާއްދާގެ (ޑ) ގެ ދަށުން އެ ކައުންސިލާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތެއް ކަމަށް ވެސް ބުނެފައި ވެއެވެ.

އިޓްލޮސް އިން ޗާގޯސްގެ ކަނޑުގެ ސަރަހައްދުން ފުށު އަރާ ހިސާބު އިކުއި ޑިސްޓެންސްގެ އުސޫލުގެ ދަށުން ބަހާލާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އެވެ.

އިކުއި ޑިސްޓެންސްކޮށް އެ ސަރަހައްދު ބަހާލުމުން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރު ލިބިފައި ވާއިރު މޮރިޝަސްއަށް ލިބިފައި ވަނީ 45،331 އަކަ ކިލޯމީޓަރެވެ.

މޮރިޝަސް އާއި ރާއްޖެ އާާ ދެމެދު ކަނޑުގެ ސަރަހައްދުގެ މައްސަލަ ކުރިމަތިވީ ޗާގޯސްގެ ރަށްތަކަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިން މީގެ ކުރިން ކަނޑައެޅުމުންނެވެ. އައިސީޖޭ އިން އޭރު އެގޮތަށް ނިންމީ ޗާގޯސް އަކީ މޮރިޝަސްގެ އިހްތިސާސް އޮތް ތަނެއްތޯ ބެލުމަށް ލަފައަކަށް އެ ގައުމުން ހުށަހެޅުމުން ސެޕްޓެމްބަރު 2019 ގައެވެ.