ރާއްޖޭގެ އާބާދީގެ 37 އިންސައްތައަށްވުރެ މަތީ ނިސްބަތަކީ ޒުވާނުން ކަމަށާއި އެއީ ގައުމުގެ ތަރައްގީގެ ހުންގާނުގައި ހިފަން ތިބި މީހުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕް ހަވާލުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ.
ދަރުބާރުގޭގައި ބޭއްވި މި ޖަލްސާގައި ރައީސް ވިދާޅުވީ ތައުލީމީ ދާއިރާއިން ފަހިކޮށްދޭ ފުރުސަތުތަކުގެ އަމާޒަކީ ގައުމަށް ބޭނުންތެރި، ގައުމީ ޒިންމާތައް އުފުލަން ތައްޔާރަށް ތިބި ޒުވާނުންތަކެއް ބިނާކުރުން ކަމަށެވެ.
''މިކަމުގައިވެސް އަޅުގަނޑުމެން ކުރިއަށް ފިޔަވަޅުތައް އަޅަމުން މިދަނީ މިންތީގެ ހަމަހަމަކަމާއެކު. މިރޭ ސްކޮލަރޝިޕް ޙާޞިލުކުރި 155 ދަރިވަރުންގެ ތެރޭގައިވެސް، 102 އަންހެން ކުދިން ހިމެނުމަކީ ވަރަށް ބޮޑު އުފަލެއް. މިއީ، އަންހެން ކުދިންނާއި އަންހެނުން ބާރުވެރިކުރުމަށް ސަރުކާރުން ފަހިކޮށްދޭ ފުރުޞަތުތަކުގެ ބޭނުން ހިފާ މިންވަރު އިތުރުވަމުން އަންނަކަމުގެ ހެއްކެއް.'' ރައީސް ރޭ ވިދާޅުވެފަވެއެވެ.
ކުދިންނަށް ކިޔަވައިދިނުމަށާއި މަތީ ތައުލީމާއި ތަމްރީން ހޯދައިދިނުމަށް ސަރުކާރުން މިދޭ އެހީތަކަކީ ދައުލަތުން ކުރާ ޚަރަދުތަކެއް ނޫން ކަމަށާއި އެއީ އޭގެ އަންދާޒާ މުގާބިލު ވަރަށް ބޮޑު، އަދި ވަރަށް ދުރު ރާސްތާއަކަށް އަމާޒުކޮށް، ދައުލަތުން ގާއިމުކުރާ ވަރަށް ބޮޑު އިންވެސްޓްމެންޓެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން އެއީ އޭގެ ހެޔޮ ނަތީޖާ އެތައް އަހަރަކަށް ލިބެމުންދާނެ ވަރަށް އަގުހުރި މަސައްކަތެއް ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވަނީ ސަރުކާރުން 2019 ވަނަ އަހަރު ފެށި ހިލޭ ޑިގްރީ ޕްރޮގްރާމަށް މިހައިތަނަށް 567 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކުރެވިފައިވާކަން ފާހަގަކުރައްވައި މިހައިތަނަށް 17،000 އަށްވުރެ ގިނަ ދަރިވަރުންނަށް ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދެވިފައިވާކަން ވެސް ފާހަގަކުރައްވާފައެވެ. އަދި އޭގެ ތެރެއިން 6500 އަށްވުރެ ގިނަ ދަރިވަރުން މިހާރު ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ ހިލޭ ޑިގްރީގެ އިތުރުން ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީގައި ވެސް، މަތީ ތައުލީމުގެ އިތުރު ފުރުސަތުތައް ހޯދައިދެވޭ ކަމަށާއި ހިލޭ ޑިގްރީ އާއި ސްޓޫޑެންޓް ލޯން ސްކީމް ނުހިމަނައި، ދައުލަތުގެ ޚަރަދުގައާއި ރަހުމަތްތެރި ގައުމުތަކުގެ އެހީގެ ދަށުން ތަފާތު 25 ގައުމެއްގައި، އެކި ސްކޮލަޝިޕްތަކުގައި 418 ދަރިވަރުން މިހާރުވެސް މަތީ ތައުލީމާއި ތަމްރީންގެ ޕްރޮގްރާމްތައް ފުރިހަމަކުރަމުން އަންނަ ކަމަށެވެ.
އެފަދަ ސްކޮލަޝިޕްތަކަށް މިހައިތަނަށް މި ސަރުކާރުން 528 މިލިއަން ރުފިޔާއަށްވުރެ ބޮޑު ހޭދައެއްކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރޭގެ ވާހަކަފުޅުގައި ރައީސް ވިދާޅުވެފައިވާގޮތުގައި ތަރައްޤީގެ މަގުގައި މިހާރު އަޅުގަނޑުމެންނަށް އާދެވިފައި މިތިބަ ހިސާބަށް ބަލާއިރު، އަންހެން ފިރިހެން ތަފާތުނުކޮށް، ހުރިހާ ދަރިންނަށް، ހުރިހާ ޒުވާނުންނަށް، މަތީ ތަޢުލީމާއި ތަމްރީނު ދިނުމަކީ ކުރަންޖެހޭނެ ކަމެކެވެ. ސަބަބަކީ، ޙަޤީޤީ ތަރައްޤީއަކީ ތަޢުލީމުގެ ކާނާއިން އިންސާނާގެ ސިކުނޑީގައި ހެދި ބޮޑުވެ، މުޅި މުޖުތަމަޢަށް އޭގެ ހިޔާ ފަތުރައިދޭ އެއްޗަކަށް ވާތީކަމަށް ވެސް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!