ޝަވަންގެ އުންމީދު ހަގީގަތަކަށް ހެދުމަށް އަދި ކުރަންހުރި މަސައްކަތް ވަރަށް ގިނަ ކަމަށް ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.
ޝަވަންގެ ޕްރޮސްތެޓިކް ފަޔެއް ވަނީ މިހާރު ވަނީ ޖަހާފައެވެ. ޝަވަން އަށް ރަނިން ބްލޭޑް ހަދިޔާ ކުރީ ޔޫތް މިނިސްޓްރީން ނެވެ. އަދި އާދައިގެ ފައި (ޕްރޮސްތެޓިކް ފައި) ޖަހައިދިނީ އެންސްޕާގެ އެހީތެރިކަމާއެކުގައެވެ.
އެކަމަށް އިޝާރާތް ކުރައްވައި މަހްލޫފް ވިދާޅުވީ، ޝަވަންގެ އުންމީދު ހަގީގަތަކަށް ހެދުމަށް އަދި ކުރަންހުރި މަސައްކަތް ވަރަށް ގިނަ ކަމަށެވެ. ނަމަވެސް ކުރަންޖެހުނު އޮޕަރޭޝަން ނިމި ރަނިން ބްލޭޑް އަދި ޕްރޮސްތެޓިކް ފައި ޖެހިފައިވާތީ އުފާކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
''ޑޮކްޓަރުންގެ ލަފައާއިއެކު ރީހެބިލިޓޭޝަން އަދި އިތުރު ތަމްރީން ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައި'' އަލަށް ޖެހި ފައިގެ އެހީގައި ޝަވަން ކުޅެން ހުންނަ މަންޒަރު ފެންނަ ވީޑިއޯއެއް ހިމަނުއްވާ ވަޒީރު ކުރެއްވި ޓްވީޓްގައި ވިދާޅުވެފަވެއެވެ.
ޝަވަންގެ ވާހަކަ މީސް މީޑިއާގެ ސަމާލުކަމަށް އައި ހިސާބުން ފެށިގެން މަހްލޫފް ގެންދަވަނީ ޝަވަންއަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ވަރަށް ކައިރިން ކަންކަން ބައްލަވަމުންނެވެ.
ޝަވަންގެ އުންމީދު ހަގީގަތަކަށް ހެދުމަށް އަދި ކުރަންހުރި މަސައްކަތް ވަރަށް ގިނަ. ނަމަވެސް ކުރަންޖެހުނު އޮޕަރޭޝަން ނިމި ރަނިން ބްލޭޑް އަދި ޕްރޮސްތެޓިކް ފައި ޖެހިފައިވާތީ އުފާކުރަން.
ޑޮކްޓަރުންގެ ލަފައާއިއެކު ރީހެބިލިޓޭޝަން އަދި އިތުރު ތަމްރީން ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފަ. ❤️ pic.twitter.com/bpXPxHJKdr— Ahmed Mahloof (@AhmedMahloof) May 13, 2023
ޝަވަންއަށް މި ލިބުނު އުފަލާއެކު ޝަވަންގެ ޢާއިލާގެ ފަރާތުން ވަނީ ސަރުކާރަށާއި، ޝަވަންގެ ރަށް ހދ. މަކުނުދޫން އޭނާއަށް އެހީތެރިވެދިން އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
މަކުނުދޫ ސްކޫލުގައި ތައުލީމު ހާސިލުކުރަމުން އަންނަ ޝަވަން އަކީ އުފެދުމުގައި ވެސް އެއްފައި ނެތް ކުއްޖެކެވެ. އެހެންނަމަވެސް ހިތްވަރު އެލުވައިނުލާ ކުރަމުން ދިޔަ މިންނެތް މަސައްކަތުން އޭނާ އަށް އާންމުންގެ ސަމާލުކަން ހުއްޓުނީ މިދިޔަ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު "މަކުނުދޫ ސްކޫލުގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތު" ގައި އޭނާ ކުޅުނު މެޗެއްގެ ވީޑިއޯ އާންމުވި ހިސާބުންނެވެ.
އެ ސްކޫލުގެ "ދުވެލި ހައުސް" ގެ ޖާރޒީ ނަމްބަރު 41 ގައި ކުޅެމުންދިޔަ އުމުރުން އޭރު، އެންމެ 7 އަހަރުގެ ޝަވަން ފުޓްބޯޅަ ކުޅެމުންދަނިކޮށް ނަގާފައިވާ ވީޑިއޯ އެއް އާންމުވުމުން އޭނާގެ ހުނަރަށާއި ހިތްވަރަށް އެންމެންގެ ތައުރީފް ވަނީ އޮހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!