މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ވެރިކަމެއްގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކައްދޫ އެއާޕޯޓު އިންޓަނަޝޭނަލް އެއާޕޯޓަކަށް ބަދަލުކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް، ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކެންޕެއިން ހަރަކާތްތައް އިތުރުކުރުމަށް ލ. ގަން، މުކުރިމަގުގައި އެ ޕާޓީގެ ކެމްޕެއިން ޖަގަހައެއް ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ނާޒިމް ވިދާޅުވީ ލ. ގަމު ދާއިރާގެ ރައްޔިތުންގެ ހުވަފެން ހަގީގަތަކަށް ހައްދަވާ، ކައްދޫ އެއާޕޯޓު އެމްއެންޕީގެ ސަރުކާރެއްގައި އެންމެ ފުރަތަމަ ވެސް އިސްކަމެއްދީގެން އިންޓަނޭޝަނަލް އެއާޕޯޓަކަށް ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހައްދަވައިދެއްވާނެ ކަމަށެވެ.

މީގެ 20 ނުވަތަ 30 އަހަރު ކުރިން ބޭސް ކޮމާންޑަރަކަށް ހުންނެވިއިރުގެ އިޙުސާސް ކުރެވޭކަން ހާމަކުރައްވައި އޭނާ ވިދާޅުވީ ކައްދޫ އެއާޕޯޓަށް ދިއުމުން ފެންނަނީ އެއްމަންޒަރެއް ކަމަށެވެ. އަދި ޒުވާން އުމުރުފުރައިގައި އެ ފެނުނު ކައްދޫ އެއާޕޯޓު އަދިވެސް ފެންނަކަމަށެވެ.

މީގެ އިތުރުން 10 އަހަރުވެގެން މި ދިޔަ 2 ދައުރުގައި އެރަށް ކޮށްދެވުނީ ކޮންކަމެއްތޯ ރަށުގެ ރައްޔިތުން ވިސްނާވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.

ސަރުކާރުތަކުން ލ. ގަމު ދާއިރާއަށް އިހުމާލުވެފައިވާ މިންވަރަށް އިޝާރާތް ކުރައްވައި ނާޒިމް ވިދާޅުވީ ގަމުގެ ތިން އަވަށަށް ބަލާލިއަސް ކަރަންޓާއި ފެނާއި ނަރުދަމާ އަޅާލުމަކުން ނުފުދޭ ކަމަށެވެ. އަދި އެއްވެސް ތަރައްޤީއެއް އަދި ރައްޔިތުންގެ ޖީބަށް އެއްޗެއް ލިބޭނެގޮތެއް ހެދުނުތަނެއް ނުފެންނަ ކަމަށެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕާޓިގެ ރައީސްގެ އިތުރުން އެމްއެންޕީގެ ނާއިބް ރައީސް އަބްދުﷲ ރިޔާޒުއާއި ނާއިބް ރައީސް މުޙައްމަދު ޝިހާބްގެ އިތިރުން ލ. އިސްދޫ ދާއިރާގެ ރައީސާ ހައްވާ އިނާ ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން މިރަސްމިއްޔާތުގައި ޕާޓީގެ ގިނަ އަދެއްދެއްގެ މަންބަރުންނާއި ޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ ވަރަށް ގިނަ ފަރާތްތައް ބައިވެރިވެފައިވެއެވެ.

މިދަތުރުގައި ލ. އަތޮޅުން އެމްއެންޕީއަށް ގިނަ އަދަދެއްގެ މެންބަރުން ވަނީ ގުޅިފައެވެ.