ހދ. މަކުނުދޫ އަހުމަދު ޝަވަންގެ ހުވަފެން ހަގީގަތަކަށްވެ، ޕްރޮސްތެޓިކް ފަޔެއް ޖެހުމުގެ ނަސީބު ލިބިއްޖެއެވެ.
މިކަމާއިގުޅިގެން ޝަވަންގެ މަންމަ އައިޝަތު ވިޝާ "ތިލަދުން" އަށް ބުނީ މިއީ ލިބުނު ވަރަށްބޮޑު އުފަލެެއް ކަމަށާއި މިއީ ޝަވަންގެ އެންމެކުޑަދުވަހުން ފެށިގެން ދެކެމުން އައި ހުވަނެއް ކަމަށެވެ. އަދި މިކަމަށްޓަކައި އެހީތެރިވެދިން އެންމެނަށް ޝުކުރު އަދާކުރާ ކަމަށެވެ.
"ވަރަށް އުފާވޭ މިއަދު، ދަރިފުޅަށް ފައެއް ޖެހޭނެ ދުވަހެއް ފެނުމަކީ ޝަވަންގެ އެންމެކުޑަދުވަހުން ފެށިގެންވެސް ކުރަމުން އައި އުއްމީދެއް. އަދި ހުވަފެނެއް." ވިޝާ ބުންޏެވެ.
މީގެ އިތުރުން އޭނާ ބުނީ ރަނިން ބްލޭޑް ހަދިޔާ ކުރީ ޔޫތް މިނިސްޓްރީން ކަމަށާއި އާދައިގެ ފައި (ޕްރޮސްތެޓިކް ފައި) ޖަހައިދިނީ އެންސްޕާގެ ފަރާތުން ކަމަށެވެ.
އެހެންކަމުން ސަރުކާރަށާއި ޝަވަންގެ ރަށް ހދ. މަކުނުދޫން އޭނާއަށް އެހީތެރިވެދިން އެންމެހައި ފަރާތްތަކަށް ހިތުގެ އެންމެފުންމިނުން ޝުކުރުވެރިވާ ކަމަށް ވިޝާ ބުންޏެވެ.
މަކުނުދޫ ސްކޫލުގައި ތައުލީމު ހާސިލުކުރަމުން އަންނަ ޝަވަން އަކީ އުފެދުމުގައި ވެސް އެއްފައި ނެތް ކުއްޖެކެވެ. އެހެންނަމަވެސް ހިތްވަރު އެލުވައިނުލާ ކުރަމުން ދިޔަ މިންނެތް މަސައްކަތުން އޭނާ އާންމުންގެ ތެރެއަށް ތައާރަފްވީ މިދިޔަ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު "މަކުނުދޫ ސްކޫލުގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތު" ގަ އެވެ.
އެ ސްކޫލުގެ "ދުވެލި ހައުސް" ގެ ޖާރޒީ ނަމްބަރު 41 ގައި ކުޅެމުންދިޔަ އުމުރުން އޭރު، އެންމެ 7 އަހަރުގެ ޝަވަން ފުޓްބޯޅަ ކުޅެމުންދަނިކޮށް ނަގާފައިވާ ވީޑިއޯ އެއް އާންމުވުމުން އޭނާގެ ހުނަރަށާއި ހިތްވަރަށް އެންމެންގެ ތައުރީފް ވަނީ އޮހިފައެވެ.
ޝަވަންގެ ކަނާތު ފައި އިންނަނީ ކަކުލާ ހަމައަށް އެކަނި ނަމަވެސް، އެ މެޗުގައި ޝަވަން ވަނީ އެހެން ކުދިންނެކޭ އެއްފަދައިން ކޮއްޓުމާއި ނެއްޓުމުގެ ހުނަރު ދައްކާލާފަ އެވެ. އަދި ޕާސް ދިނުމާއެކު ގޯލު ޖެހުމަށް ޓީމާއެކު ކުރިއަށް އަރައި، އަދި ފަހަތަށް ފައިބާ ޑިފެންސް ކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!