ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލޓޑ (އާރް.އޭ.ސީ.އެލް) އިން ހިންގަމުންގެންދާ ކުޅުދުއްފުށި އެއާޕޯޓްގައި ނައިޓް ލޭންޑިން ސިސްޓަމް ގާއިމްކޮށް، އެ ހިދުމަތް ރަސްމީކޮށް ފެށުމަށް އަޅަންޖެހޭ ޓެސްޓް ފްލައިޓު ކާމިޔާބުކަމާއިއެކު ޖައްސައިފިއެވެ.
ޓެސްޓް ފަލައިޓް ޖައްސާފައިވަނީ ރޭގައެވެ. ނައިޓްލޭންޑިންގެ ހިދުމަތާއެކު ކުޅުދުއްފުށި އައާޕޯޓުން ފޯރުކޮށްދޭ ހިދުމަތްތައް 24 ގަނޑިއިރަށް ބަދަލުވެގެން ދާނެއެވެ.
މިއީ ކުޅުދޫފުށި އެއާޕޯޓުން ދެވޭ ހިދުމަތްތައް އިތުރު ހަރުފަތަކަށް ގެނައުމަށް ކުރެވިގެންދިއަ ވަރަށް ބޮޑު މަސައްކަތެއް ކަމަށް އާރުއޭސީއެލުން ބުންޏެވެ. އަދި މިކަމުގެ ސަބަބުން ކުޅުދުއްފުއްޓާއި ކައިރީގަވާ ރަށްތަކުގަ ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއްލިބި ރޭގަނޑު ވައިގެމަގުން ދަތުރު ކުރުމަށް މަގުފަހި ވެގެންދާނެ ކަމަށް ވެސް ބުންޏެވެ.
މީގެ އިތުރުން އެ ސަރަހައްދުގެ ރައްޔިތުންނަށްލިބޭ އެންމެބޮޑު ހިއްހަމަޖެހުމަކަށް ވެގެންދާނީ ކުއްލި ހާލަތްތަކުގަ ބަލިމީހުން ރޭގަނޑު ވައިގެ މަގުން އުފުލުމަށް އޮތް ހުރަހަށް ނިމުމެއްއައުން ކަމަށް ވެސް އާރުއޭސީއެލުން ބުންޏެވެ. އަދި އެ ސަރަހައްދުގެ ވިޔަފާރި ތަކަށާއި، ރިސޯޓުތަކަށްވެސް މީގެ ސަބަބުން ފައިދާވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކުޅުދުއްފުށި އެއާޕޯޓުގެ އިތުރުން އާރުއޭސީއެލް ގެފަރާތުން ހިންގަމުންގެންދާ ހޯރަފުށި އެއާޕޯޓާއި މާވަރުލު އެއާޕޯޓުގައި ވެސް ނައިޓްލޭންޑިންގް ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. މި މަސައްކަތްތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމައި ނައިޓްލޭންޑިންގް ގެ ޙިދުމަތް ދެ އެއާޕޯޓްގައި ފެށޭނެ ކަމަށް އާރުއޭސީއެލުން ބުންޏެވެ.
ކުޅުދުއްފުށި އެއާޕޯޓާއެކު އާރުއޭސީއެލް ގެފަރާތުން ހިންގަމުންގެންދާ އެއާޕޯޓުތަކުގެ ތެރެއިން ނައިޓްލޭންޑިންގެ ހިދުމަތްދެވޭ އެއާޕޯޓުތަކުގެ އަދަދު 4 އަކަށް ވަނީ އަރައިފައެވެ. އެއީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް، ކުޅުދުއްފުށި އެއާޕޯޓް، ފަރެސްމާތޮޑާ އެއާޕޯޓް، އަދި ފުވައްމުލައް އެއާޕޯޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!