ހއ. ހޯރަފުށީ ކައުންސިލުން އެރަށުގައި އަނބު ފާމަކާއި ރުއްގަނޑެއް ހެއްދުމުގެ ގެ އަމަލީ މަސައްކަތް އިއްޔެ ފަށާފައިވަނިކޮށް، އެ އަނބުފާމާއި ކުރުނބާ ރުއްގަނޑުގައި އިއްޔެ އިންދި ގަސްތަކަކާއި ރުއްތަކަކަށް ބަޔަކު ގެއްލުންދީފިއެވެ.
މި އަނބު ފާމާއި ކުރުނބާ ރުއްގަނޑު ގެ އަމަލީ މަސައްކަތް އިއްޔެ ފައްޓަވައި ދެއްވީ، ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) އާއި ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު އެވެ.
އަނބުފާމާއި ރުއްގަނޑުގެ މަސައްކަތް ފެށީ ޒަމާނުއްސުރެ އެ ރަށުގައި އޮތް ބޮޑު ކުނި ގޮނޑެއް ސާފުކުރުމަށް ފަހުގައެވެ.
ހޯރަފުށީ ކައުންސިލްގެ އޮފިޝަލަކު މިއަދު ''ތިލަދުން'' އަށް ވިދާޅުވީ، އެ އަނބުފާމުގައި އިންދާފައިވާ ގަސްތަކަށާއި، ރުއްގަނޑެއް ހެއްދުމަށް އިންދާފައިވާ ރުއްތަކަށް ރޭގެ ވަގުތެއްގައި ބަޔަކު ގެއްލުން ދީފަވާކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި މެންބަރު ސައްލެ އާއި އެ ކައުންސިލުން ރަށް ފެހިކޮށް، ބޭނުން ހިފޭ ޒާތުގެ ގަސްގަހާގެހި ހައްދަން ހާއްސަ އިސްކަމެއް ދެއެވެ. ނަމަވެސް ރޭގެ ވަގުތެއްގައި ބަޔަކު ކޮށްފައިވަނީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
''އަނބުފާމާއި ކުރުނބާ ރުއްގަނޑަށް ގެއްލުން ދިން ދިނުމަކީ ވަރަށް ނާތަހުޒީބު ޢަމަލެއް، މިއީ ސީދާ އިދިކޮޅު ފަރާތްތައް އަޑީގައި ތިބެގެން ކޮށްފައިވާ ކަމެއް، މިހެން ހެދުމަކުން އެމްޕީއާއި ކައުންސިލުން ރަށަށް ކޮށްދެމުން އަންނަ މަސައްކަތްތަކެއް ނުހުއްޓުވޭނެ، ހޯރަފުށީގެ ތަރައްގީގެ މަސައްކަތުގައި އަޅުގަނޑުމެން ދާނީ ކުރިއަށް'' އޮފިޝަލް ވިދާޅުވިއެވެ.
އެ އަނބު ފާމާއި، ރުއްގަނޑުގައި އަނބު ގަހާއި ރުކުގެ އިތުރުން ފަތްކެޔޮ ވެސް އިންދާފައިވާއިރު، އެތަނަށް ގެއްލުންދީފައިވާ މަންޒަރު ފެންނަ ފޮޓޯތަކުން ފެންނަ ގޮތުގައި ގިނަ ކެޔޮ ގަސްތަކާއި، އަނބު ގަހާއި، ރުއްތައް ވަނީ ކޮށާލައި ގެއްލުންދީފައެވެ.
ހޯރަފުށީ ކައުންސިލްގެ އަނބު ފާމްގައި 39 އަނބު ގަސް އިންދާފައިވާއިރު، ކުރުނބާ ރުއްގަނޑެއް ހެއްދުމަށް 100 އަށްވުރެ ގިނަ ރުއް ވަނީ އިންދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!