އިހަވަންދޫ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކަލްބް (ސާކް) އިން ބޮޑުތިލަދުންމަތީގެ ރަަށްތަަކަށް ބާއްވާ ފުޓްސަލް ޗެލެންޖުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.

އެ ކުލަބުން ބުނީ މި ފުރުސަތު އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހާއި ހަމައަށް އޮންނާނެ ކަމަށެވެ.

Ad
rt

"ބޮޑު ތިލަދުންމަތީ ފުޓްސަލް ޗެލެންޖު" ގެ ނަމުގައި ބާއްވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބެއެވެ.

ހއ. ހދ އަދި ށ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތާއިގުޅޭ ގޮތުން ސާކް ގެ އެކްޒެކެޓިވް ޑައިރެކްޓަރ މުހައްމަދު ނާއިފް ''ތިލަދުން'' އަށް ވިދާޅުވެފައިވަނީ ތާވަލުކުރެވިފައިވާގޮތަށް ކަންކަން ދާނަމަ، ޖުލައި 20 ވަނަ ދުވަހު މުބާރާތް ފަަށާނެ ކަމަށެވެ. އަދި މިއީ ބޮޑު ތިލަދުންމަތީގެ ހުރިހައި ރަށެއްގެ ކުލަބް ޖަމިއްޔާތަކަށް ހުޅުވާލާފައިވާ މުބާރާތެއް ކަމަށެވެ.

"މި މުބާރާތަކީ ބޮޑު ތިލަދުންމަތީގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް. މި މުބާރާތުގައި ޖުމްލަ 20 ޓީމު ބައިވެރިކުރުމަށް ވަނީ ނިންމާފަ." އޭނާ ވިދާޅުވިއެވެ.

ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ އާއި ރަނަރަޕް ޓީމަށް 7،000 ރުފިޔާ އަދި އެކި ވަނަތަކަށް އަންނަފަރާތްތަކަށް އިނާމާއި މެޑެލް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ނާއިފް ވިދާޅުވިއެވެ.

މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ޚާއްސަކޮށް ބޮޑުތިލަދުންމަތީގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަށް އާލާކޮށް، ދިރުވުމާއެކު ހުނަރުވެރި ފުޓްސަލް ކުޅުންތެރިންގެ ހުނަރު އިތުރުކުރުމަށް ފުރުސަތު ދިނުން ކަމަށާއި މީގެއިތުރުން މިފަދަ ހުނަރުވެރި ޒުވާން ކުޅުންތެރިންނަށް މުބާރާތްތަކުގައި ވާދަކޮށް އެތަޖުރިބާ ހޯދައިދިނުން ކަމަށް ވެސް ނާއިފް ވިދާޅުވިއެވެ.