ވެރިކަމަކީ އެކަން ދެއްވާ މީހުން އިމްތިހާނު ކުރެއްވުމަށް މާތްﷲ ދެއްވާ ކަމެއް ކަމަށް ރާއްޖޭގެ ދާޚިލީ ވަޒީރު، އަދާލަތު ޕާޓީގެ ރައީސް ސައިޚް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ.

މިއަހަރު އޮންނަ ރިޔާސީ އިންތިޚާބު ކުޑަތަންވަމުން އަންނައިރު، އިމްރާން އާއި އަދާލަތުގެ ތާއީދު ދީފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް މިހާރުގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށެވެ. އަދި ރައީސް ޞާލިޙް ދެވަނަ ދައުރަކަށް އިންތިޚާބުކޮށް ދިނުމަށްޓަކައި އެ ޕާޓީން ވަނީ ކެމްޕޭން މެނޭޖަރެއް ހަމަޖައްސާ، ކެމްޕޭން ކޮމެޓީ އެއް ވެސް އެކުލަވާލާފައެވެ.

Ad
rt

އަންނަ ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވެރިކަމަކީ މީހަކު ހަމަ ބޭނުންވާ އިރަށް ލިބޭ ކަމެއް ނޫން ކަމަށެވެ. އަދި ވެރިކަމަކީ އެކަން ދެއްވާ މީހާ އިމްތިޙާން ކުރުމަށް މާތް ﷲ ދެއްވާ ކަމެއް ކަމަށް ވެސް އިމްރާން ވަނީވިދާޅުވެފައެވެ.

އަންނަ ރިޔާސީ އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙްގެ އިތުރުން ވާދަކުރައްވާނެކަން ޢިއުލާން ކޮށްފައިވާ ބޭފުޅުންގެ ތެރޭގައި މިހާރު ޖަލު ހުކުމެއްގައި ހުންނެވި ޕީޕީއެމްގެ ރައީސް، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް އާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމް އާއި، އެމްއެންޕީގެ ރައީސް ދަނގެތީ ދާއިއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާއި ކުރީގެ ބަންޑާރަނައިބު މުޙައްމަދު މުނައްވަރު އަދި އެލްޖީއޭގެ ކުރީގެ ރައީސް ޝުޖާއު ހުސައިނެވެ. އޭގެ ތެރެއިން އުމަރާއި، މުނައްވަރާއި އަދި ޝުޖާއު ވާދަކުރައްވާނީ އަމިއްލަ ގޮތުންނެވެ.