ހޯރަފުށީ ކައުންސިލްގެ އަނބު ފާމް އާއި ކުރުނބާ ރުއްގަނޑު ގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ.
ހޯރަފުށީ ކައުންސިލުން ވިދާޅުވިގޮތުގައި އެ ކައުންސިލުގެ ފަރާތުން އެ ރަށުގައި އަނބު ފާމެއް ގާއިމުކޮށް، ރުއް ގަނޑެއް ހެއްދުމުގެ މަސައްކަތް އިއްޔެ ވަނީ ފަށާފައެވެ.
މި އަނބު ފާމާއި ކުރުނބާ ރުއްގަނޑު ގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ، ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) އާއި ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު އެވެ.
މި އަނބު ފާމް އާއި ކުރުނބާ ރުއްގަނޑު ހައްދަނީ ކުރިން އެރަށުގައި ކުނި އަޅައި ފުރާފައި އޮތް ގޮނޑެއް ސާފު ކުރުމަށްފަހުއެވެ.
ހޯރަފުށީ ކައުންސިލްގެ އަނބު ފާމްގައި 39 އަނބު ގަސް އިންދާފައިވާއިރު، ކުރުނބާ ރުއްގަނޑެއް ހެއްދުމަށް 100 އަށްވުރެ ގިނަ ރުއް ވަނީ އިންދާފައެވެ.
''އަންޒަމާނުއްސުރެ ސާފު ނުކުރެވި އޮތް ސަރަހައްދު، ސާފުކޮށް ނަލަ ކުރެވުނީ އެމްޕީ ސަލީމްގެ އިސްނެންގެވުމުގެ މަތިން، ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރައްވާ ޒުވާނުންގެ ހިތްވަރާއެކު.'' ހޯރަފުށީ ކަައުންސިލުން ވިދާޅުވެފަވެއެވެ.
އެ ކައުންސިލުން ވަނީ މިކަމުގައި ޝާމިލްވާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
ހޯރަފުށީ ކައުންސިލުން މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަނީ އެރަށުގެ މަގުތަކުގައި ވެސް އަނބު ގަސް އިންދާފައެވެ. މި ހަރަކާތުގެ ދަށުން 77 އަނބު ގަސް އެރަށުގެ މަގުތަކުގައި އިންދިއެވެ. އަދި އެރަށް ފެހި ކުރުމުގެ ފުރަތަމަ ހަރަކާތުގެ ތެރެއިން 44 އަނބު ގަސް އިންދިއެވެ.
ހޯރަފުށީ ކައުންސިލާއި، މެންބަރު ސައްލެ ގުޅިގެން 2020 ވަނަ އަހަރު އެރަށުގައި ބަނބުކެޔޮ ގަސް އިންދުމުގެ ޕްރޮގްރާމެއް ވެސް ހިންގިއެވެ. މި ޕްރޮގްރާމްގެ ދަށުން 100 ބަނބުކެޔޮ ގަސް އިންދިކަމަށް އޭރު ކައުންސިލުން ވިދާޅުވެފަވެއެވެ.
މީގެ އިތުރުން ހޯރަފުށީ ކައުންސިލުން މީގެ ކުރިން ހޯރަފުށީ އެއަރޕޯރޓް ފެހިކުރުމަށް 100000 ގަސް އިންދުމުގެ ޕްރޮގްރާމެއް ވެސް ހިންގިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!