ހިލަވެލި ބަރުކޮށްގެން ފުރި ދޯންޏެއްގެ ޚަބަރެއް ނުވެގެން ހޯދަމުން އަންނައިރު، އެ ދޯނި އަޑިއަށް ގޮސްފައިވާކަމަށް އެ ދޯނީގެ ކެޕްޓަނާއި ހަވާލާދީ އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
"ޖަންބޯ" ނަމަަކަށްކިޔާ މި ދޯނީގެ ޚަބަރެއް ނުވެގެން އެދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުން އަންނައިރު، މި ދޯނީގެ ޚަބަރެއް އެންމެފަހުން ވެފައިވަނީ އިއްޔެ މެންދުރު 11:35 ހާއިރުއެވެ. 65 ފޫޓު ހުންނަ މި ދޯނި ފުރިފަހުން ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) ރިޕޯޓްކޮށްފައި ވަނީ އިއްޔެ ހަވީރު 18:03 ހާއިރުކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވާފަވެއެވެ.
އެ ދޯނީގައި ދަތުރުކުރީ ދެ މީހުންނެވެ. އެ ދެ މީހުން ކާށިދޫ ކައިރިން ކަނޑުމަތީ ކަނޑުވެފައި ތިއްބާ އެމީހުން ހޯދުމުގެ މަސައްކަތުގައި އުޅުނު ލޯންޗަކަށް ފެނިގެން ވަނީ ސަލާމަތްކޮށްފައެވެ. އެއީ މިއަދު ހެނދުނު 10:25 ހާއިރުއެވެ.
އެ މީހުންނާއި ހަވާލާދީ، އެމްއެންޑީއެފުން މިއަދު ވިދާޅުވީ، ކަނޑުމަތިން ނެގި މީހުން ވަނީ ގެއްލުނު ޖަންބޯ ދޯނި އަޑިއަށް ގޮސްފައިވާކަމަށް އެމީހުންނެގި ލޯންޗުގެ ކެޕްޓަނަށް މަޢުލޫމާތު ދީފައިކަމަށެވެ.
''ލޯންޗުންނެގި މީހުން މިހާރު އެހެން ދޯންޏެއްގައި މާލެއަށް ދަތުރުކުރަނީ. އިތުރު ތަފްޞީލްތައް ލިބޭނީ ހަވީރު 16:30 ހާއިރު މިމީހުން މާލެ އައުމުން.'' އެމްއެންޑީއެފުން ވިދާޅުވިއެވެ.
ގެއްލުނު ޖަންބޯ ދޯނި ހޯދުމުގެ މަސައްކަތުގައި ރެއިން ފެށިގެން އެމްއެންޑީއެފް ކޯސްޓްގާޑް ނޫރައްދީން ލޯންްޗް ހަރަކާތްތެރިވަމުން އަންނައިރު، މީގެ އިތުރުން މިއަދު ހެނދުނު އެމްއެންޑީއެފް ޑޯނިއަރ އެއަރކްރާފްޓް ވެސް ވަނީ މި ދޯނި ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައެވެ.
މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމުން ދަތުރުކުރުމުގައި މޫސުމަށް ސަމާލުވުމަށް ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާވިސަސް (މެޓް އޮފީސް) އިން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!