ހަނިމާދޫ އާއި މިލަންދޫ ހިމެނޭހެން 7 ރަށެއްގައި ހޮސްޕިޓަލް އަޅަން އަންނަ ހަފްތާގައި ކުންފުނިތަކާ ހަވާލު ކުރައްވާނެ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިއަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް މިރޭ، ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ، ދިވެހިންނަކީވަކިވަކި ރަށްތަކެއްގައި ދިރިއުޅޭ ޖަޒީރާވަންތަ ބައެއްކަމަށާއި، އެއް ރަށުން އަނެއް ރަށަށް އަބަދު ދަތުރުކުރަންޖެހޭ ބައެއް ކަމަށެވެ. އެހެންކަމުން، ދަތުރުފަތުރަށް ހުރަސްއެޅި، ކޯވިޑްގެ ތެރޭގައި ކުރިމަތިވި ފަދަ ފުރަބަންދެއްގައި ތިބެންޖެހިއްޖެ ޙާލަތެއްގައިވެސް، ޞިއްޙީ ޚިދުމަތް ފަސޭހައިން ލިބޭނީ، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ޞިއްޙީ ޚިދުމަތްތައް ފުޅާކޮށްގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވިގޮތުގައި، އެކަމަށްޓަކައި ސަރުކާރު ް އެކުލަވައިލި ނޭޝަނަލް ސްޕޭޝަލް ޕްލޭނާ އެއްގޮތަށް، 5 ދާއިރާއެއްގައި 5 ޓާޝަރީ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދާކަމަށެވެ.
“އޭގެ ތެރެއިން ބައެއް ހޮސްޕިޓަލުތަކުގައި ކުރިން ނެތް ވަސީލަތްތައް ޤާއިމުކޮށް ޚިދުމަތްތައް ދޭން މިހާރު ވަނީ ފެށިފައި. އޭގެ ތެރޭގައި ސީ.ޓީ. ސްކޭން، އެމް.އާރް.އައި، މެމޮގްރަފީ އަދި ލެބޯރެޓަރީގެ ޚިދުމަތްތަކާއި އަދި ދަތުގެ ފަރުވާގެ ޚިދުމަތްތައްވެސް މިހާރު ދެވެމުން އެބަދޭ.” ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އޭގެ އިތުރުން އެކި އަތޮޅުތަކުގައި، އެކި ރަށްރަށުގައި، ސަރުކާރުން އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލްތަކުގެ މަސައްކަތްވެސް ކުރިއަށް ދާކަމަށެވެ. އެގޮތުން 7 އަތޮޅެއްގެ 7 ރަށެއްގައި ކުވައިތު ފަންޑުގެ އެހީގައި އެޅުމަށް ސަރުކާރުން ނިންމާފައި އޮތް 7 ހޮސްޕިޓަލްގެ ބިޑިން މަރުޙަލާ ނިމި، މަސައްކަތްކުރާނެ ބަޔަކު ހޮވި، ކުރިއަށް އޮތް ހަފްތާތެރޭގައި އެމަސައްކަތްތައް ކުންފުނިތަކާ ހަވާލު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“އެއީ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫ އަދި ތ.ވިލުފުށީގެ ހޮސްޕިޓަލްތައް. މިއިން ކޮންމެ ހޮސްޕިޓަލެއްގައި 30 އެނދާއެކު އިތުރު ޚިދުމަތްތައް ލިބެން ހުންނާނެ.” ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!