ހދ. މަކުނުދޫ އިން 24 ބިމެއް ކުއްޔަށް ދޫކުރަން ނިންމައި މިއަދު ބީލަމަށް ހުޅުވާލައިފިއެވެ.
މިކަމަށް ފުރުސަތު ހުޅުވާލައި މަކުނުދޫ ކައުންސިލުން ކުރެއްވި ޢިއުލާނުގައިވާގޮތުން މި 24 ބިމަކީ 8 ބޭނުމަކަށް ކުއްޔަށް ދޫކުރަން ނިންމާފައިވާ ބިންތަކެކެވެ.
މި ބިންތަކުގައި ވިޔަފާރިކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާއިރު، މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 11 މޭ 2023 ން 24 މޭ 2023 ގެ 23:00 ގެ ނިޔަލަށް އެކަމަށް ޚާއްސަކޮށްފައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރުމަށް ވަނީ ހުޅުވާލާފައެވެ.
"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://bit.ly/3St1NgY
24 ބިން ކުއްޔަށް ދޫކުރަން މަކުނުދޫ ކައުންސިލުން ނިންމާފައިވާ ބޭނުންތައް
- ގެސްޓް ހައުސްގެ ވިޔަފާރި
- ލައިޓް އިންޑަސްޓްރިއަލް (ގަރާޖު، ކާޕެންޓަރީ، ވޯކްޝޮޕް)ގެ ވިޔަފާރި
- ދަނޑުވެރިކަން
- ކުއްޔަށް ދޭ ކޮޓަރި އެޅުމަށް
- އެކޮމަޑޭޝަން ބްލޮކް އެޅުމަށް
- ބޯޓު ޔާޑު އެޅުމަށް
- ކުކުޅު ފާމް
- ހުއިފިލަނޑާގެ މަސައްކަތް ކުރުމަށް
މީގެތެރެއިން ގެސްޓް ހައުސްގެ މަސައްކަތަށް ދޫކުރަން ނިންމާފައި ވަނީ 2 ބިމެވެ. 20-30 އަހަރާއި ދެމެދަށް ދޫކުރާ މި ބިންތަކަށް އެންމެ ކުޑަ ކުއްޔެއްގެ ގޮތުގައި ހުށަހެޅޭނީ އަކަފޫޓަކަށް 2 ރުފިޔާއެވެ. މިއިން ކޮންމެ ބިމެއްގެ ބޮޑު މިނަކީ 4553 ސްކެއާ ފޫޓެވެ. މީގެ ތެރެއިން އެކޮމަޑޭޝަން ބްލޮކް އެޅުމަށް 8427 ސްކެއާ ފޫޓުގެ ބިމެއް ހާއްސަކޮށްފައިވާއިރު، މި ބިމަށް ހުށަހެޅޭ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 10 ރުފިޔާއެވެ. މި ބިން ވެސް ދޫކުރަނީ 20-30 އަހަރާއި ދެމެދު މުއްދަތަކަށެވެ. އަދި ކުއްޔަށްދޭ ކޮޓަރި އެޅުމަށް ބިމެއްގައި 1862 ސްކެއާ ފޫޓް ހިމެނޭ ދެ ބިން ދޫކުރަން ނިންމާފައިވާއިރު، މި ބިންތަކަށް އެންމެ ކުޑަ އަގަކަށް އަކަފޫޓަކަށް ހުށަހެޅެނީ 1 ރުފިޔާއެވެ. މި ބިންތައް ދޫކުރަނީ 20-10 އަހަރާ ދެމެދު މުއްދަތަކަށެވެ. މީގެ އިތުރުން ދަނޑުވެރިކަމަށް 6 ބިމެއް، ގަރާޖު، ކާޕެންޓަރީ، ވޯކްޝޮޕް އެޅުމަށް 5 ބިމެއް، ބޯޓު ޔާޑު އެޅުމަށް 4 ބިމެއް ދޫކުރުމަށް ވަނީ ނިންމާފައެވެ.
މަކުނުދޫ ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި، މި ބީލަމުގައި ބައިވެރިވެވޭނީ އެކަމަށް ދީފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެކަންޏެވެ. މި ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 25 މޭ 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މަކުނުދޫ ކައުންސިލް އިދާރާގައެވެ.
މި ބީލަމާ ގުޅިގެން ބޭއްވޭ މަޢުލޫމާތު ބައްދަލުވުން 15 މޭ 2023 ވާ ހޯމަ ދުވަހުގެ 11:00 ގައި މަކުނުދޫ ކައުންސިލް އިދާރާގައި ކުރިއަށް ގެންދަން ނިންމާފައިވާއިރު، މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ ސާފުކުރަން ބޭނުންނަމަ މަކުނުދޫ ކައުންސިލް އިދާރާގެ ޕްރޮކިއުމަންޓް ޔުނިޓްގެ 9695777 / 7789355 ނަންބަރު ފޯނަށް ނުވަތަ procurement@makunudhoo.gov.mv އަށް ކަނޑައެޅިފައިވާ މުއްދަތުގައި އީމެއިލް ކުރުމުން އެކަމެއް ސާފުކޮށްދޭނެއެވެ.
މަކުނުދޫ އަކީ 73.2 ހެކްޓަރގެ ބޮޑު ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!