ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގެ އައު އައިސީޔޫ ޒަމާނީ ވަސީލަތްތަކާއެކު ހުޅުވައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އައިސީޔޫގެ ޚިދުމަތް ފައްޓަވައިދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު ޢަލީ ޝިއާމްއެވެ.

Ad
rt

މި ރަސްމިއްޔާތުގައި އެ ހޮސްޕިޓަލުގެ އައިސީސީޔޫ ޕްރޮޓޮކޯލް ވެސް ވަނީ އިފްތިތާހު ކުރައްވާފައެވެ.

މިކަމާއި ގުޅިގެން ކޭއާރްއެޗްގެ އިންފޮމޭޝަން އޮފިސަރު މުހައްމަދު މޫސާ 'ތިލަދުން' އަށް ވިދާޅުވީ އަލަށް ތަރައްގީުކުރި އައިސީޔޫ ހުންނާނީ އެ ހޮސްޕިޓަލުގައި މިފަހުން ގާއިމުކުރި ތިން ފަންގިފިލާގެ "ކާނި ވިންގް" އިމާރާތުގެ އެންމެ މަތީ ފަންގިފިލާގައި ކަމަށެވެ. އަދި މިއީ 6 އެނދުގެ އައިސީޔޫއެއް ކަމަށެވެ.

"އަޅުގަނޑުމެން މީގެ ކުރިން ޚިދުމަތް ދެމުން މިއައީ އެންމެ 4 އެނދުގެ އައިސީޔޫއެއްގައި. 3 ވެންޓިލޭޓާ އޭރު ހުންނަނީ، ވަރަށް ހާލުގައި އެކަން ކުރަމުން އައީ." އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް، އަލަށް ހުޅުވި އައިސީޔޫގެ ސަބަބުން ޚިދުމަތް ދިނުމަަށާއި ޚިދުމަތް ލިބިގަތުމަށް ވަރަށްބޮޑު ލުއި ފަސޭހަތައް ވާނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ޑައިލެސިސް ހަދާ މީހުންނަށާއި އައިސޮލޭޝަން ނުވަތަ ވަކިން ފަރުވާދޭން ޖެހޭ ފަދަ މީހުންނަށް އެކަން ވެސް ފަސޭހަކަމާއެކު ކުރެވޭނެ އިންތިޒާމު މިހާރު ފަސޭހަކަމާއެކު ހަމަޖެހި، އިންފެކްޝަން ކޮންޓްރޯލް އިތުރަށް ހަރުދަނާ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

''ޑާރޓީ ޔުޓިލިޓީސް އަދި ކްލީސް ޔުޓިލިޓީސްއަށް މިހާރު ވަކި ދެ ރޫމް ހުންނާނެ'' އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މުހައްމަދު މޫސާ ވިދާޅުވިގޮތުގައި، އައިސީޔޫ ގައި އެނދުމަތިކޮށްފައިވާ ފަރާތްތަކުގެ ބައި-ސްޓޭންޑާ (އެހީތެރިންނަށް) މައުލޫމާތު ދިނުމަށް ވަކިން ބްރީފިންގ ރޫމެއް ވެސް މިހާރު ހުންނާނެ އެވެ.

އައު އައިސީޔޫ ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ޑޮކްޓަރުންނާއި ނަރުހުންނަށް ވެސް ޚާއްސަ އޭރިއާ ހެދިފައިވާ އިރު، މި މަޝްރޫއަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

އައިސީޔޫ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ހޮސްޕިޓަލުގެ ގަވަރނިންގ ބޯޑް މެންބަރު އަދި ކުޅުދުއްފުށީ ސިޓީގެ މޭޔާރ މުޙައްމަދު އާތިފް، ހޮސްޕިޓަލުގެ ޗީފް އެކްޒެކްޓިވް އޮފިސަރ އަޙްމަދު ދާއޫދު (ޑޭވިޑް)، ގަވަރނިންގ ބޯޑުގެ ޗެއާރ އާމިނަތު ޤާސިމް، ގަވަރނިންގ ބޯޑް މެންބަރު އަދި އައި.ޖީ.އެމް.އެޗު ގެ މެޑިކަލް ޑިރެކްޓަރ ޑރ. އާމިނަތު ނަޒީރު، ހޮސްޕިޓަލުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނަރަލް ޚަދީޖާ ޢަލީ، ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ މުޙައްމަދު ޙުނައިފް އަދި ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ ޑަކްޓަރުންނާއި ނަރުހުން އަދި އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.