ނައިބު ރައީސް ފައިޞަލް ނަސީމް ރަސްމީ ދަތުރުފުޅެއްގައި ރޭ ބަންގްލަދޭޝްއަށް ފުރާވަޑައިގެންފިއެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅަކީ 6 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

Ad
rt

މި ކޮންފަރެންސް އޮންނާނީ މި ހިނގާ މެއި މަހުގެ 12 އަދި 13 ވަނަ ދުވަހު، ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ.

މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި އިންޑިއާ ކަނޑުގެ ސަރަޙައްދީ ގުޅުން ބަދަހިކުރުމުގެ މަގުޗާޓެއް އެކުލަވާލުމަށްޓަކައި ކަމާބެހޭ ފަރާތްތައް އެއްތަނަކުން ބައްދަލުވެ މަޝްވަރާކުރެއްވުން ހިމެނެއެވެ.

މި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވާގޮތައް ހަމަޖެހިފައިވާއިރު، މިއަހަރުގެ ކޮންފަރެންސްގެ ޝިޢާރަކީ، "ދެމެހެއްޓެނިވި ކުރިމަގަކަށް، ސުލްޙައާއި ފާގަތިކަން އަދި ބައިވެރިވުން" އެވެ.

ނައިބު ރައީސް ފައިސަލްގެ މި ދަތުރުފުޅުގެ ތެރެއިން މި ކޮންފަރެންސްގެ ހަވާސާގައި، ބަންގްލަދޭޝް ސަރުކާރުގެ އިސްވެރިންނާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވަވާނެކަމަށް ރައީސް އޮފީހުން ވަނީ ހާމަކުރައްވާފައެވެ.

މީގެ އިތުރުން ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހިންނާ ވެސް ނައިބު ރައީސް ބައްދަލުކުރައްވާގޮތައް ވަނީ ހަމަޖެހިފައެވެ.