އޭނާ ހުންނެވީ ރައްޔިތުންނަށްޓަކައި ރިޔާސީ ރޭހުގައި ސާބިތުވެކަމަށާއި، އަންނަ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި އޭނާގެ ނަން އޮންނާނެކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ އެމްއެންޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ ޖަގަހަ ޖަލްސާ ''ރައްޔިތުންގެ އުދާސް''ގެ ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ މި އަހަރަކީ، ދިވެހި ޤައުމު ބަދަލުކޮށްލަންޖެހޭ އަހަރުކަމަށެވެ. އަދި އެ ބަދަލު ގެނައުމަށްޓަކައި، އެމްއެންޕީ އާއެކު ސާބިތުވެ ތިއްބަވައި، ސެޕްޓެމްބަރ 9 ވަނަ ދުވަހު ރައްޔިތު އެންމެން ނިކުމެ ބަދަލަކަށް އެޕާޓީއަށް ވޯޓު ދެއްވުމަށް އޭނާ އެދިވަޑައިގަތެވެ.
ނާޒިމް ވިދާޅުވިގޮތުގައި ވެރިކަމަށް އާދެވިއްޖެނަމަ އެމްއެންޕީން ގެންނާނެ މައިގަނޑު އިންޤިލާބީ ބަދަލަކީ ދިވެހި ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ހެދުމެވެ. އޭނާ ވަނީ ރާއްޖޭގެ އިޤްތިޞާދީ ނަފާ މިއަދު ނަގަމުން ދަނީ ފަސްހައެއްކަ މީހުން ކަމަށް ވިދާޅުވެފައެވެ. އަދި ގިނަ ރައްޔިތުން އުޅެމުން ދަނީ ވަރަށް ޙާލުގައި ކަމުގައި ވިދާޅުވިއެވެ. އޭގެ މިސާލެއްގެ ގޮތުން ބޭސްފަރުވާގެ ކަންތަކުގައިވެސް އާސަންދަ އަށް ސިޓީއެއް، އެންސްޕާއަށް ސިޓިއެއް އަދިވެ ސް ކޮންމެވެސް އެހެން ދިމާއަކަށް ސިޓީއެއް ލާންޖެހޭ ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން ބޭސްފަރުވާއަށް ސަލާންޖަހައި އާދޭސްކުރުމުގެ ސަގާފަތް އަދިވެސް ނުނިމޭކަމާށާއި، އެމްއެންޕީން ތަޢާރަފްކުރާ ސޯޝަލް ސެކިއުރިޓީ ކާޑުން، ނުވަތަ ހެލްތު އިންޝޫރަންސް ކާޑުން މި މައްސަލައަށް ޙައްލު ގެނެސްދޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
ނާޒިމްގެ ރޭގެ ވާހަކައިގައި ވެސް އޭނާގެ ރިޔާސީ ވަޢުދުތަކުގެ ތެރެއިން މިފަދަ ވަރަށް ގިނަ މުހިއްމު ބޮޑެތި ވަޢުދުތައް ތަކުރާރު ކުރައްވައި، އެ ވަޢުދުތައް ފުއްދާނެގޮތުގެ ބައެއް ތަފްޞީލު ވެސް ދެއްވިއެވެ.
މި ޖަލްސާގައި ނާޒިމް ތަކުރާރުކޮށް ވިދާޅުވީ އޭނާ ހުންނެވީ ރައްޔިތުންނަށްޓަކައި ރިޔާސީ ރޭހުގައި ސާބިތުވެ ކަމަށާއި، 9 ސެޕްޓެމްބަރުގައި ބޭއްވޭ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި އޭނާގެ ނަން އޮންނާނެ ކަމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!