މިއަދު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހެނީ ކުޑަކުދިންގެ ހިތްތަކުގައި އިސްލާމް ދީނުގެ ސައްހަ އަގީދާ އާއި ޤައުމީ ލޯބި ފުރިހަމައަށް ބިންވަޅު ނަގައިދިނުމަށްކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

Ad
rt

މިއަދުގެ ޚިތާބުގައި ރައީސް ވިދާޅުވީ، ކުޑަކުއްޖަކު ދުނިޔެއަށް އުފަންވާ އިރު، އެ ކުއްޖާއަށް އެންމެ ފުރަތަމަ ކަށަވަރުކޮށްދޭންޖެހޭ ޙައްޤަކީ، މައިންބަފައިންގެ ފުރިހަމަ ލޯތްބާއި ބެލެނިވެރިންގެ އޯގާތެރިކަމާއެކު، ދުޅަހެޔޮ ޞިއްޙަތެއްގައި ބަލައިބޮޑުކޮށް ރިވެތި އަޚުލާޤުގެ މަތީގައި ތަރުބިއްޔަތުކޮށްދިނުން ކަމަށެވެ. އަދި ކުޑަކުދިންގެ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީވެސް، ކުޑަކުއްޖެއްގެ ޢުމުރުފުރާގައި ކޮންމެ އިންސާނަކަށް ލިބެންޖެހޭ އަޅައިލުމާއި ލޯތްބާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ޤައުމީ ފެންވަރުގައި މަސައްކަތްކޮށް، އެކަމަށް އާންމު ރައްޔިތުން ހޭލުންތެރި ކުރުން ކަމަށް ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ވިދާޅުވިގޮތުގައި، ކޮންމެ އިންސާނެއްގެ ޙަޔާތުގައިވެސް ބައްދަލުކުރާނެ އެންމެ ފޮނި ދުވަސްތަކަކީ، ކުޑަކުއްޖެއްގެ ގޮތުގައި އޭނާ ހޭދަކުރާ ދުވަސްތަކެވެ. ނަމަވެސް ޙަޔާތުގެ އެ ފޮނިކަން އެ ކުދިންނަށް އިޙްސާސްކުރެވޭނީ، އެ ކުދިންގެ ޢާއިލާގެ ތެރެއިންނާއި، ސްކޫލް މާޙައުލުގެ އިތުރުން، މުޅި މުޖުތަމަޢުންވެސް އެ ކުދިންނަށް ލޯތްބާއި ރައްކާތެރިކަން ލިބިގެންކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

''ޤައުމުގެ ކޮންމެ ކުއްޖަކީ ލޯތްބާއި އުފަލުގައި ހެދިބޮޑުވާ، އަދި ރަނގަޅު ތަޢުލީމު ލިބިގެން، އިސްލާމީ ރިވެތި އަޚްލާޤުގެ މަތީގައި ތަރުބިއްޔަތުވާ ކުއްޖަކަށްވުމަކީ، ޤައުމަށް ލިބޭނެ އެންމެ ބޮޑު ނަސީބު'' ރައީސް ވިދާޅުވެފަވެއެވެ.

ކޮންމެ މަންމައަކާއި ކޮންމެ ބައްޕައެއް އަދި ކޮންމެ ބެލެނިވެރިއަކުމެ މަސައްކަތްކުރަންވީ، އެމީހެއްގެ ބެލެނިވެރިކަމުގެ ދަށުގައި ހުރި ކޮންމެ ކުއްޖަކަށް އެ ފުރުޞަތު ހޯއްދަވައިދެއްވުމަށް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ޞާލިޙްގެ ޚިޠާބުގައި ވިދާޅުވީ، ''ކުޑަކުދިންނަކީ ޤައުމުގެ ކުރިމަގަށްޓަކައި މުޑުވައްކުރާ ނިރުތަކަކަށް ވާއިރު'' އެ ކުދިން ތަރުބިއްޔަތުކުރުމުގައި، އެ ވަގުތަކު ޤައުމުގައި ހުރި އިޖުތިމާޢީ ހުރިހާ މައްސަލަތަކަށް ރިޢާޔަތްކުރަންޖެހޭ ކަމަށެވެ.

''އެ ގޮތުން މިއަދު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހެނީ، އެކުދިންގެ ހިތްތަކުގައި އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ އާއި ޤައުމީ ލޯބި ފުރިހަމައަށް ބިންވަޅު ނަގައިދިނުމަށް'' ރައީސް ވިދާޅުވެފަވެއެވެ.

މީގެ އިތުރުން މިއަދު އެންމެ އިސް ސަމާލުކަމެއް ދޭންޖެހޭ ކަންކަމުގެ ތެރޭގައި، ކުޑަކުދިންނަށް އޯގާތެރިވުމަށާއި ބޮޑެތި މީހުންނަށް އިޙްތިރާމް ކުރުމުގެ ރީތި އާދަ އަށަގެންނެވުމަށާއި، ތަފާތު ވިސްނުންތަކާ އެކުގައިވެސް ބައިބައިނުވެ އެކަތިގަނޑެއްގެ ގޮތުގައި އިޖުތިމާޢީ ގުޅުން ދެމެހެއްޓުން ހިމެނޭކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. މިކަންކަމުގައި އެ ކުދިންނަށް މަގުދައްކައިދޭން ތިބީ، މައިންބަފައިންނާއި ބެލެނިވެރިންނާއި މުދައްރިސުން ކަމަށް ވެސް ރައީސްގެ ޚިޠާބުގައި ވަނީ ވިދާޅުވެފައެވެ.