މިއަދު ކުޑަކުދިންގެ ދުވަސް ފާހަގަކުރާއިރު، ކޮންމެ މީހަކު ޢަޒުމް ކަނޑައަޅަންވީ، ތިމާގެ އަތުން އެހެން ކުޑަކުއްޖަކަށް އެއްވެސް ގޯނާއެއް ނުވަތަ އަނިޔާއެއް ނުދީ، އެކުދިންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށް ދިނުމަށް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

Ad
rt

މިއަދުގެ ޚިތާބުގައި ރައީސް ވިދާޅުވީ، ކުޑަކުދިންގެ ދުވަސް ފާހަގަކުރާ މި މުނާސަބަތުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ، ޤައުމީ ތަރައްޤީގެ ވިސްނުމެއްގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތި ކުރުމަށް ކަމަށެވެ. އެހެންކަމުން ކޮންމެ ކުއްޖަކީވެސް، ޤައުމަށް ބޭނުންތެރި ކޮންމެވެސް ފަންނުވެރި ދާއިރާއަކުން ކުރިއަށް ދިއުމުގެ ވިސްނުން ހުރި ކުއްޖަކަށް ހެދޭތޯ ބެލުމަކީ، ދައުލަތުގެ އިތުރުން މުޅި މުޖުތަމަޢާއި މައިންބަފައިންނާއި ބެލެނިވެރިން އެކުގައި މަސައްކަތްކޮށްގެން ކުރަންޖެހިފައިވާ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި، ކުޑަކުދިންގެ ދުވަސް ފާހަގަކުރުމާ ގުޅިފައިވާ އަނެއް ކަމަކީ، ޢާއިލާގެ ތެރެއިންނާއި މުޖުތަމަޢުގެ ތެރެއިން އެ ކުދިންނަށް ލިބެންވާ ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށެވެ. އަދި މުޖުތަމަޢުގައި ހިމެނޭ އެންމެ ނާޒުކު ބަޔަކީ، އެ ތަނެއްގައި ދިރިއުޅޭ ކުޑަކުދިން ކަމަށްވާތީ، އެ ކުދިންގެ އިންސާނީ ކަރާމާތާއި އެ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ ޒިންމާ އެޅިފައިވަނީ އެ މުޖުތަމަޢެއްގައި ދިރިއުޅޭ ބޮޑެތި މީހުންގެ ކޮނޑުގައިކަމަށް ރައީސް ވިދާޅުވިއެވެ.

''އަޅުގަނޑުމެން ކޮންމެ މީހަކު ޢަޒުމް ކަނޑައަޅަންވީ، ތިމާގެ އަތުން އެހެން ކުޑަކުއްޖަކަށް އެއްވެސް ގޯނާއެއް ނުވަތަ އަނިޔާއެއް ނުދިނުމަށެވެ. އަދި ކޮންމެ ކުއްޖަކީ ތިމާގެ ފަރާތުން ފުރިހަމަ ޙިމާޔަތާއި ރައްކާތެރިކަން ލިބިގެންވާ ކުއްޖެއްކަމުގައި ހެދުމަށެވެ.'' ރައީސް ވިދާޅުވެފަވެއެވެ.

ކުޑަކުދިންގެ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ ކުޑަކުއްޖެއްގެ ޢުމުރުފުރާގައި ކޮންމެ އިންސާނަކަށް ލިބެންޖެހޭ އަޅައިލުމާއި ލޯތްބާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ޤައުމީ ފެންވަރުގައި މަސައްކަތްކޮށް، އެކަމަށް އާންމު ރައްޔިތުން ހޭލުންތެރި ކުރުން ކަމަށް ރައީސްގެ މިއަދުގެ ޚިޠާބުގައި ވިދާޅުވެފަވެއެވެ.

މިއަދަކީ ރާއްޖޭގައި މިއަހަރުގެ ރަސްމީކޮށް ކުޑަކުދިންގެ ދުވަސް ފާހަގަކުރާ ދުވަހެވެ.