ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް ސަފާ ޝަފީޤު މިއަދު ޢައްޔަންކުރައްވައިފިއެވެ.

ސަފާ ޝަފީޤު މި މަޤާމަށް ޢައްޔަންކުރައްވައި، މަޤާމުގެ ލިޔުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

Ad
rt

ސަފާ ޝަފީޤަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން، މާސްޓަރ އޮފް އާރޓްސް އިން ސޯޝަލް ޕޮލިސީ، އަދި ލިމްކޮކްވިންގް ޔުނިވަރސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީ އިން މާސްޓަރ އޮފް ކޮމިއުނިކޭޝަން ހާސިލްކުރައްވާފައިވާ ބޭކަނބަލެކެވެ. ސަފާ ވަނީ، 2006 ވަނަ އަހަރުން ފެށިގެން، ޓީވީއެމްގެ ޕްރޮގްރާމްތައް ހުށައަޅުއްވަން ފަށްޓަވައިފައެވެ. އެންމެ ފަހުން ހުންނެވީ، ޕަބްލިކް ސަރވިސް މީޑިއާގެ ޓީވީއެމްގެ ޕްރެޒެންޓަރުގެ މަޤާމުގައެވެ.

ބްރޯޑްކޮމް އަށް މެމްބަރަކު އައްޔަން ކުރީ މެމްބަރު އަމްޖަދު އިބްރާހީމްގެ މެންބަރުކަމުގެ މުއްދަތު މިދިޔަ މާރިޗު މަހުގެ 15 ގެ ނިޔަލަށް ހަމަވާތީ އެވެ.

7 މެންބަރުންގެ މައްޗަށް އެކުލެވޭ ބްރޯޑްކާސްޓިންގ ކޮމިޝަންގައި މިހާރު ތިއްބެވީ، އެކޮމިޝަންގެ ރައީސާ މަރްޔަމް ވަޙީދާއާއި، ނާއިބު ރައީސް މުޙައްމަދު ފަޒީންގެ އިތުރުން ކޮމިޝަންގެ މެންބަރުން ކަމަށްވާ ޢަލީ ޔޫސުފާއި، އާމިނަތު އަމީނާއާއި، ޝިފްލާ އިބްރާހީމެވެ.

ބްރޯޑްކޮމްގެ މެމްބަރުންގެ ދައުރަކީ ފަސް އަހަރެވެ.

ބްރޯޑްކޮމްގެ މެންޑޭޓަކީ، ބްރޯޑްކާސްޓް ކުރުމަށް ދޫކުރެވޭ ފްރީކުއަންސީތައް ބޭނުންކުރާނެ ގޮތުގެ ޕްލޭންއެއް އެކުލަވާލުމާއި، ބްރޯޑްކާސްޓަރުންނަށް ލައިސަންސް ދޫކުރުމުގެ ކަންތައްތައް ބެލެހެއްޓުމާއި، ލައިސަންސް ދޫކުރުމުގައި އެކަށައަޅާ ޝަރުތުތަކަށް ބްރޯޑްކާސްޓަރުން އިޙްތިރާމް ކުރާކަން ޔަޤީންކުރުމާއި، ބްރޯޑްކާސްޓް ކުރާ ފަރާތްތަކުގެ ސުލޫކީ މިންގަޑުތައް އެކަށައަޅައި ދެމެހެއްޓުމާއި އަދި ބްރޯޑްކާސްޓް ކުރުމުގެ ދާއިރާ އާއި ބެހޭ މައްސަލަ ތަކުގައި ސަރުކާރަށް ލަފާދިނުމެވެ.