ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި ދެ އެޕާޓްމަންޓް އެއްކޮށްލި މައްސަލައެއްގައި އެއިން ކޮންމެ އެޕާޓްމަންޓެއްގެ ވެރިފަރާތް 100،000ރ. އިން ޖޫރިމަނާކޮށްފިއެވެ.
އާބަންކޯ އިއްޔެ ބުނީ ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހަދާފައިވާކަމުގެ ރިޕޯޓު އެ ކުންފުންޏަށް ލިބުމުންއެކަން ބަލާފައިވާ ކަމަށެވެ.
އެ ކުންފުނިން ބެލި ބެލުމުގައި ހިޔާ ޓަވަރެއްގެ ދެ އެ ޕާޓްމަންޓްގެ އިންޓީރިއާ ހެދުމުގެ މަސައްކަތްކޮށްފައި ހުރީ އުސޫލުތަކާ ހިލާފަށް، ދެ އެޕާޓްމަންޓްގެ މެދު ފާރު ތަޅާލުމަށް ފަހު، ހަތަރު ކޮޓަރީގެ އެޕާޓްމަންޓަކަށް ބަދަލުކޮށްފައިކަން އެނގުނުކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
"މި މައްސަލަ ބެލުމަށް ފަހު ކޮންމެ އެޕާޓްމަންޓެއް، އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، ފަސް ދުވަހުގެ ތެރޭގައި ދެ ފަރާތުން ވެސް އެ ފައިސާ ދެއްކުމަށް ވަނީ އަންގާފައި،" އާބަންކޯ އިން ބުނެފައިވެ އެވެ.
މީގެ އިތުރުން އެ އެޕާޓްމަންޓް ކުރިން ހުރި ގޮތަށް 10 ދުވަސްތެރޭ ބަދަލުކުރަން ވެސް ވަނީ އަންގައިފަ އެވެ.
ހިޔާ ފްލެޓްތަކުގެ އެޕާޓްމަންޓެއްގެ އިންޓީރިއާ އަށް ބަދަލު ގެންނަ ނަމަ އާބަންކޯގެ ހުއްދަ ނެގަންޖެހޭނެކަމަށް އެތަންތަން ހަވާލުކުރި އަންގާފަވެއެވެ. އަދި އެ އެންގުމާ ހިލާފަށް އަމަލުކުރާ މީހުން ޖޫރިމަނާކުރާނެ ކަމަށް ވެސް ކުރިން އަންގާފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!