ޞީއްޙީ ޚިދުމަތް ލިބޭނެ ތަންތަން ހުރުމަކީ، ބަލިތަކުން ދުރާލައި ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ފަރުވާކުޑަކޮށްލައިގެންވާނޭ ކަމެއް ނޫންކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ، ޕްރައިމަރީ ހެލްތުކެއާ އާލާކޮށް ހަރުދަނާކުރުމުގެ މަސައްކަތް ފ. އަތޮޅުގައި ރަސްމީކޮށް ފެށުމަށް އެ އަތޮޅު ނިލަންދޫގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

މިރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ، 1980 އާއި 1990ގެ އަހަރުތަކުގެތެރޭގައި ރާއްޖޭގައި ޕްރައިމަރީ ހެލްތް ކެއާ ނިޒާމްގެ ތެރެއިން އެކަށީގެންވާ ގޮތެއްގައި ރަނގަޅު މަސައްކަތްތަކެއް ކުރެވުނު ކަމަށް ވިދާޅުވެފައެވެ. އަދި އެ އަހަރުތަކުގައި އެހެންއެކަން ހިނގި ނަމަވެސް އޭގެފަހުން އެކަމަށް އަޅާނުލެވި އޮތުމުގެ ސަބަބުން އަލުން ޕްރައިމަރީ ހެލްތް ކެއާ ނިޒާމް ދިރުވައި ހަރުދަނާކުރަންޖެހިފައިވާކަމަށް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވިގޮތުގައި، ޞީއްޙީ ޚިދުމަތް ލިބޭނެ ތަންތަން ހުރުމަކީ، ބަލިތަކުން ދުރާލައި ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ފަރުވާކުޑަކޮށްލައިގެންވާނޭ ކަމެއް ނޫންކަމަށެވެ. އަދި ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުން އަންނަކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ހެލިފެލިވެ އުޅުމަށާއި ކަސްރަތު ކުރުމަށް އިސްކަންދިނުމަށް ނަޞޭހަތްތެރިވެ ވަޑައިގެން، އެއީ ޤައުމީ ކަމެއްގެ ގޮތުގައި ބަލައިގަނެ، ޕްރައިމަރީ ހެލްތް ކެއާ ޕްރޮމޯޓްކޮށް ހޭލުންތެރިކަން އިތުރުކުރުމަށް ހުރިހާ މީޑިއާތަކުންނާއި އާއްމު ރައްޔިތުންވެސް ފުރިހަމައަށް އެއްބާރުލުންދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.

ނައިބު ރައީސްގެ ރޭގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ޞިއްޙީ ނިޒާމް ތަރައްޤިކުރުމަށް މި ފާއިތުވި 4 އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. މިގޮތުން އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތުގެ ޢުމްރާނީ ތަރައްޤީއަށާއި އިންސާނީ ވަޞީލަތްތައް ތަރައްޤީއަށް ކުރެވެމުން އަންނަ މަސައްކަތްތަކާއި ޞިއްޙީދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮބަދަލެއް ގެނެވިފައިވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރެއްވިއެވެ.

ޕްރައިމަރީ ހެލްތުކެއާ އާލާކޮށް ހަރުދަނާކުރުމުގެ މަސައްކަތް ފ. އަތޮޅުގައި ރަސްމީކޮށް ރޭ ފެށިއިރު، ޕްރައިމަރީ ހެލްތުކެއަރ އާލާކޮށް ހަރުދަނާކުރުމުގެ މަސައްކަތުގެ ތެރެއިން ޚިދުމަތްދިނުމުގައި ޢަމަލު ކުރުމަށް މިހާރުވަނީ އައު "ކެއަރ ޕާތްވޭ" އެއް އެކުލަވާލާފައެވެ. މި "ކެއަރ ޕާތްވޭ" އާއި އެއްގޮތަށް 06 މޭ 2023ން ފެށިގެން ފ. އަތޮޅުގެޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި ޚިދުމަތްތައް އިންތިޒާމްކޮށް ކުރިޔަށް ގެންދިއުމަށްވަނީ ހަމަޖެހިފައިކަމަށް ސަރުކާރުން ހާމަކުރައްވައެވެ.