ފާއިތުވި އަހަރުގެ ޑިސެމްބަރު މަހު ނޮޅިވަރަމުން 28 އަހަރުގެ އަންހެނަކު މަރާލާފައި އޮވާފެނުނެވެ. އެ މަރަށް ތުހުމަތުކުރެވި އޭނާގެ ފިރިމީހާ ހައްޔަރު ކުރެވުނެވެ. އެއީ މަސްތުވާތަކެތީގެ ދިގު މާޒީއެއް އޮތް މީހެކެވެ. މި އަހަރުތެރޭ ނޮޅިވަރަމް ފެނަކަ ބްރާންޗްގެ އެސިސްޓެންޓް މެނޭޖަރ މަސްތުވާތަކެއްޗާއިއެކު ހައްޔަރު ކުރިއެވެ. އެ މައްސަލާގައި އޭނާ ވަޒީފާއިން ވަކިކުރިއެވެ. މި ހަފްތާތެރޭ ނޮޅިވަރަމު ބަނދަރުން އެ ރަށު ސްކޫލްގެ އިސްލާމް ޓީޗަރު މަސްތުވާތަކެއްޗާއި އެކު ފުލުން ވަނީ ހައްޔަރު ކޮށްފައެވެ. މި ކަންކަމުން ނޮޅިވަރަމުގެ ހާލަތު ކޮންމެވެސް ވަރަކަށް ވަޒަން ކޮށްލެވޭނެއެވެ.
މަސްތުވާތަކެތީގެ ވަބާ މުޅި ރާއްޖޭގައި ފެތުރި އޭގެ ސަބަބުން އަމަންއަމާންކަމާއި އިޖުތިމާޢީ ފޭރާން ވީދެމުން އަންނައިރު، މި މައްސަލައަކީ ރާއްޖޭގެ ބައެއް ރަށްރަށުގައި މިހާރު އިންތިހާއަށް ކަންބޮޑުވާ ދަރަޖައަށް ގޮސްފައިވާ މައްސަލައެކެވެ. ނޮޅިވަރަމުން ވެސް ފެންނަން އޮތީ އެ މަންޒަރެވެ. ނުރައްކަލުގެ ރަނގބީލުގެ އަޑު އަންނަނީ ދުވަހަކަށްވުރެ ދުވަހެއް ގަދަވަމުންނެވެ.
މަސްތުވާތަކެތީގެ ހާލަތާއި ގުޅޭގޮތުން އެ ރަށުން މި ނޫހާއި ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ ފާއިތުވި ދެތިން އަހަރެއްހާ ދުވަސްތެރޭ އެ ރަށުގައި މަސްތުވާތަކެތީގެ ނެޓްވޯކްގައި އުޅޭ މީހުން އިތުރުވެ ކުރިއަށްވުރެ އެ މީހުންގެ ހަރަކާތްތައް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން ފަށާފައިވާ ކަމަށާއި، ތިންހާހެއްހާ އާބާދީއެއް އޮތް އެ ރަށުގައި މިހާރު މި ނެޓްވޯކްތެރޭ ހަރަކާތްތެރިވާ މީހުންގެ އަދަދު އުޅޭނީ 80 އާއި 100 އާއި ދެމެދުގައި ކަމަށެވެ. މި ނެޓްވޯކްގައި ޖުމްލަ ގޮތެއްގައި ޒުވާނުން ހަރަކާތްތެރިވަމުން އައި ނަމަވެސް މަދުމަދުން ދުވަސްވީ މީހުން ވެސް އުޅޭކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.
އޭނާ އިތުރަށް ބުނެފައި ވަނީ މަސްތުވާތަކެތީގެ ސަބަބުން ވައްކަން ކުރުމާއި އޮޅުވާލައިގެން މީހުން އަތުން ތަކެތި އަތުލުމާއި ފޭރުންފަދަ މައްސަލަތައް ކުރިމަތިވަމުން އަންނަ ކަމަށެވެ. އެ ރަށުގައި މަސްތުވާތަކެތީގެ ނެޓްވޯކް ބޮޑުވަމުން އައުމުގެ ސަބަބުތަކުގެ ތެރޭގައި އެ ރަށާއި އަތޮޅުގެ ވެރިރަށް (ކުޅުދުއްފުށި ސިޓީ) އާއި ދާދި ކައިރީގައި އޮވެ، ދެރަށުގެ މެދުގައި ދަތުރުފަތުރު އިންތިހާއަށް ފަސޭހަވެ ދެ ރަށުގައި މިކަން ކުރާ މީހުންގެ މެދުގައި އޮތް ނެޓްވޯކް ވަރުގަދަވުން ހިމެނޭކަމަށެވެ.
ނޮޅިވަރަމުގެ މަސްތުވާތަކެތީގެ ހާލަތާއި ގުޅޭގޮތުން މި ނޫހާއި މަޢުލޫމާތު ހިއްސާކުރައްވަމުން ނޮޅިވަރަމް ކައުންސިލުގެ ރައީސް ޔޫސުފް މޫސާ ވިދާޅުވެފައި ވަނީ ނޮޅިވަރަމަކީ އަމާން ކުށް މަދު ރަށެއް ކަމަށާއި، ނަމަވެސް މަސްތުވާތަކެތީގެ ސަބަބުން އެކަމަށް މިހާރު އަސަރު ކޮށްފައިވާ ކަމަށެވެ.
ޔޫސުފް އިތުރަށް ވިދާޅުވެފައި ވަނީ މަސްތުވާތަކެތީގެ މައްސަލަ އެ ރަށުގައި އިތުރުވަމުން އަންނާތީ އެކަން ހޯމް މިނިސްޓްރީއާއި ކޮމިޝަނާ އޮފް ޕޮލިސްގެ ސަމާލުކަމަށް ވެސް ގެނެވިފައިވާ ކަމަށާއި އެ ރަށުގައި މިހާރަށްވުރެ ފުލުހުންގެ ހަރަކާތްތައް ފުޅާކޮށް ރަށް މޮނީޓަރ ކޮށް މިހާރަށްވުރެ ރަނގަޅަށް ބެލެހެއްޓޭނޭ އިންތިޒާމެއް ހަމަޖައްސަވައި ދެއްވުމަށް އެދިފައި ވާނެ ކަމަށެވެ.
ނޮޅިވަރަމަކީ ބިމުގެ ގޮތުން ބޮޑު ރަށެކެވެ. އެ ރަށުގައި ޕޮލިސްޓޭޝަނެއް ހުރެއެވެ. ނަމަވެސް ތިންހާހެއްހާ އާބާދީއެއް އޮންނަ އެ ރަށުގައި ޤާއިމްވެ ތިބެނީ ހަ ފުލުހުންނެވެ. މި އަދަދަކީ އެވަރުގެ އާބާދީއަކަށް އެންމެ އެކަށޭނަ އަދަދު ނޫންކަން ޔޫސުފް ވަނީ ފާހަގަ ކުރަށްވާފައެވެ.
ޔޫސުފް އިތުރަށް ވިދާޅުވެފައި ވަނީ މީގެ އަށްވަރަކަށް އަހަރު ކުރިން އެ ރަށުގައި މަސްތުވާތަކެތި ބޭނުންކޮށް، އެކަމުގައި ހަރަކާތްތެރިވާތީ ފެންނަނީ ހަމައެކަނި ރަނގަޅު ތަރުބިއްޔަތެއް ތަޢުލީމެއް ނެތް ޒުވާނުން ކަމަށާއި، ނަމަވެސް މިހާރު މި ހާލަތު އޮތީ މުޅިން މިހެން ނޫންކަމަށެވެ. މިހާރު މަސްތުވާތަކެތީގެ ނެޓްވޯކްގައި މީހުން ގަދަރުކުރާ އާއިލާތަކުގެ ތަޢުލީމީ ޒުވާނުން މަދުން ނަމަވެސް އުޅޭ ކަމަށާއި އޭގެތެރޭގައި ރަށުގެ ރަނގަޅު ވަޒީފާގައި ތިބި މަދުބަޔަކު ނަމަވެސް ހިމެނޭ ކަމަށެވެ.
އެންމެން ވެސް ލާރި ބޭނުންވާ ކަމަށާއި ނަމަވެސް ހަށިގަނޑަށް ވަރުބަލިކަމެއް ގެނުވާފަދަ މަސައްކަތެއް ކޮށްގެން ފައިސާ ހޯދުމުގެ ހިތްވަރު އަދުގެ ޒުވާން ޖީލުގެ ތެރޭގައި ދަށަށް ގޮސް ހޯދުނު ގޮތަކުން ފައިސާ ހޯދައި ބޭނުންތައް ފުއްދުމުގެ ސިޔާސަތެއް މިހާރު އަށަގަންނަމުން އަންނަ ކަމަށާއި، އެއީ ތަރުބިއްޔަތުގެ ވެސް މައްސަލައެއްކަން ޔޫސުފް ވަނީ ފާހަގަ ކުރައްވާފައެވެ.
ނޮޅިވަރަމުގެ މަސްތުވާތަކެތީގެ ހާލަތު ގޯސްވަމުން އަންނާތީ އެކަމާއި ދެކޮޅަށް މީގެ ދެ އަހަރު ކުރިން ވެސް އެ ރަށުގެ ޒުވާނުން ވަނީ ހިނގާލުން ބާއްވައި އަޑު އުފުލާފައެވެ. ނަމަވެސް މިއަދާ ހިސާބަށް ހެޔޮ ބަދަލެއް ނާންނާތީ އެ ރަށުގެ ބައެއް މީހުން މިހާރު ވެސް އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!